ޅަފަތުގައި ކުދިންގެ ކިޔުމުގެ ހުނަރު ތަރައްގީކުރުމަކީ ކުދިންގެ ހަޔާތުގެ ކާމިޔާބީ އާއި ގުޅިފައިވާ ވަރަށްމުހިންމު ހުނަރެކެވެ. މިގޮތުން އޯލަ ދިވެހި ބަހުގެ އަޑުތަކުގެ އޮނިގަނޑު 1.0 އަކީ މި މުހިންމު ހުނަރު ތަރައްގީ ކުރުމަށްޓަކައި ބެލެނިވެރިންނާއި ޅަފަތުގެ މުދައްރިސުންނަށް ގެނެސްދެވޭ އޮނިގަނޑެކެވެ.
ކިޔުމުގެ ސައިންސާއި ދިވެހި ބަސް
ދިރާސާތަކުން ދައްކާގޮތުގައި ކުއްޖާގެ ބަހުގެ ކުރިއެރުން ސީދާ ގޮތެއްގައި ގުޅިފައިވަނީ އެކުއްޖެއްގެ ބަސްކޮށާރުގެ މުއްސަނދިކަމާއެވެ. މި މުއްސަނދިކަން އިތުރުކުރުމަށްޓަކައި ވީހާވެސް ގިނަ ލަފުޒުތަކަށް ކުދިން ހުށަހަޅަންޖެހެއެވެ. ނަމަވެސް، ލަފުޒުތައް ދަސްކޮށްދިނުމުގެ ކުރިން، އެ ލަފުޒުތައް އެކުލެވިގެންވާ ވަކިވަކި ‘އަޑުތަކަށް‘ ކުދިން ހޭލުންތެރިކުރުވުން މުހިންމެވެ.
ޒަމާނުއްސުރެ އަޅުގަނޑުމެން ބަސް އުނގަންނައިދެމުން އައީ އަކުރުތައް ދަސްކޮށްދީގެންނެވެ. އެހެންނަމަވެސް، ‘ކިޔުމުގެ ސައިންސް‘ (Science of Reading) ބުނެދޭ ގޮތުގައި، ބަހެއްގެ އަކުރުތައް އުނގަނަނައިދިނުމުގެ ކުރިން ޅަފަތުގައި ކުދިން ހުށައަޅައިދޭންޖެހެނީ ބަހުގެ އަޑުތަކަށެވެ. މިއީ އަޅުގަނޑުމެން އާދަވެފައިވާ ގޮތާ ތަފާތު، އެކަމަކު ސައިންސުގެ އަލީގައި ކަށަވަރު ކުރެވިފައިވާ އުސޫލެކެވެ.
މިސާލަކަށް؛ ކުރިން އަޅުގަނޑުމެން ‘ހ‘ އިން ‘ހޯނު‘ ކަމަށް ބުނެދިން ނަމަވެސް، އަދުގެ ސައިންސު ބުނެދެނީ ‘ހ‘ މި އަކުރުގެ އަޑު /ހ/ އިއްވުމަށްފަހު، /ހޯނު/ މި ލަފްޒު ކުއްޖާއަށް އިއްވައިދިނުމަށެވެ. މީގެ ސަބަބުން ކުއްޖާއަށް ލަފުޒުތައް ބިނާވެފައިވާ ގޮތް ފަސޭހައިން ދެނެގަނެވޭނެއެވެ.
މި އޮނިގަނޑުގެ މަގުސަދު
ދިވެހި ބަހުގެ އަޑުތަކަކީ އުނގެނުމުގައި މިހާ މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވީހިނދު، މިކަމާ ގުޅޭ ދިރާސާތައް މަދުކަން ފާހަގަކުރެވެއެވެ. ‘އޯލަ ދިވެހި ބަހުގެ އަޑުތަކުގެ އޮނިގަނޑު‘ގެ މައިގަނޑު މަގުސަދަކީ މި މައުލޫމާތު އެއްތަނަކުން ‘ލުއި ގޮތަކަށް‘ ފެންނާނޭ އިންތިޒާމެއް ހަމަޖެއްސުމެވެ.
މިއީ ކެނޑިނޭޅި ތަރައްގީ ކުރެވެމުންދާނޭ މަސައްކަތެކެވެ. އަލަށް ހޯދޭ ހޯދުންތަކަށާއި، ބަހަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މި އޮނިގަނޑު ދާނީ ކެނޑިނޭޅި އަދާހަމަކުރެވެމުންނެވެ.
ޝުކުރުގެ ބަހެއް
މި އޮނިގަނޑުގެ ތަފުސީލުތަކަށް ދިއުމުގެ ކުރިން، ޑރ. ހަސަން ހަމީދަށް އޯލަގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް އަދާކުރަމެވެ. މި އޮނިގަނޑު އެކުލަވާލުމުގައި މައިގަނޑު މަސްދަރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޑރ. ހަސަންގެ ބުލޮގުގައި ދިވެހިބަހުގެ އަޑުތަކާ ބެހޭގޮތުން ލިޔުއްވާފައިވާ މުހިންމު ލިޔުންތަކެވެ.
ހުޅުވާލެވިފައިވާ ފުރުސަތެއް
މި އޮނިގަނޑަކީ ‘ކްރިއޭޓިވް ކޮމަންސްގެ ލައިސަންސެއްގެ‘ ދަށުން ހުޅުވާލެވިފައިވާ މަސައްކަތެކެވެ. މީގެ ބޭނުމަކީ، މި ދިރާސާ އިތުރަށް ފުޅާކޮށް، ވީހާވެސް ގިނަ ބައެއްގެ އެއްބާރުލުމާއެކު ދިވެހި ބަސް އުނގަންނައިދިނުމުގެ މި އައު ގޮތްތައް ކުރިއަށް ގެންދިއުމެވެ. އޯލަގެ އުންމީދަކީ މީގެ ސަބަބުން ދިވެހި ދަރިވަރުންގެ ކިޔުމުގެ ހުނަރު ހަލުވި ދުވެއްޔެއްގައި ތަރައްގީ ވުމެވެ.
ފޮނީމް އަކީ ކޮބާ؟
ލަފުޒެއްގެ އެންމެ ކުޑަ އަޑަކީ ފޮނީމް (Phoneme) އެވެ.ލަފުޒެއްގެ މި ކުޑަ އަޑުތައް ދެ ބަޔަކަށް ބެހިފައިވެއެވެ: އެއީ ފިއްތި އަޑުތަކާއި(Consonants) ދޫ އަޑުތަކެވެ (vowels).
ފިއްތި އަޑުތައް: ކޮންސަނަންޓް، ތާށި އަޑު، ސުކުން އަޑު
ފިއްތި އަޑުތަކަކީ، އަޑުފޮށި (ގްލޮޓިސް) ތެރެއިން އަޑު ނުކުންނައިރު، އަނގައިގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފިތިގެން ނިކުންނަ އަޑުތަކެވެ. މިއަޑުތައް އުފެއްދުން ބިނާވެގެންވަނީ މައިގަނޑު ތިންސިފައެއްގެ މައްޗަށެވެ. އެއީ،
– އަޑު ނެރޭ ތަނާއި
– އަޑު ފިތޭ ގޮތާއި
– އަޑު ނުކުންނަ އިރު އަޑުފޮށީ ގައިވާ ރާރާގެ ތުރުތުރު އެޅުމެވެ.
އަޑު ނެރޭތަން ނުވަތަ ޖަގަހަތައް:
[ އަޑުގެ ޖަގަހަ ތަކުގެ ކުރެހުމެއް ]
އަޑު ނެރޭ ތަން ކަމަށް ބުނެވެނީ އަޑު އުފައްދާ ތަނަށެވެ.
މިސާލަކަށް: /ފ/ އަޑު އުފައްދާއިރު، މަތީ ދަތްފިލާގައި ތިރީ ތުންފަތް ކިރިޔާ ޖައްސައިގެން އަޑު ނެރެވެއެވެ. ފޮނެޓިކްސްގައި މިފަދަ އަޑުތަކަށް “ލޭބިއޯޑެންޓަލް” (labiodental) ނުވަތަ ތުންފަތްދަތުގެ އަޑުތައް ކިޔައެވެ. މިގޮތުން ދިވެހިބަހުގައި އަޑު ނެރޭ ތަންތަން ތިރީގައި ފާހަގަކޮށްލާނަމެވެ.
ދެތުންފަތް : ބ، ޕ، މ، ވ، ފ
އަޑުގެ މަޚްރަޖައަކީ ދެ ތުންފަތެވެ. ތުންފަތް ބޭނުންކޮށްގެން ކިޔާ އަޑުތަކުގައި ހިމެނެނީ /ބ/ ، /ޕ/ ، /މ/ ، /ވ/ އަދި /ފ/ އެވެ.
/ބ/ – ބަސް، ބިސް، ބިޗޫ ، ބަތް
/ޕ/ – ޕާން ، ޕަރީ، ޕާކު، ޕާޓީ ، ޕާރުސަލް
/މ/ – މަސް، މަޑި، މަގޫ، މާ
/ވ/ – ވަދު ، ވިނަ، ވިލާ، ވާ
/ފ/ – ފައި، ފަޅޯ، ފުނާ، ފިޔާ
ދަތް: ދ، ތ، ލ
މި އަޑުތަކުގެ ޖަގަހައަކީ މަތީ ދަތްޕިލައިގެ ދަތްތަކުގައި ދޫ ޖައްސާ ފިއްތާ ފިއްތުމެވެ. މި އަޑުތަކުގެ ތެރޭގައި ހިމެނެނީ /ދ/، /ތ/ އަދި /ލ/ އެވެ.
/ދ/ – ދިދަ ، ދާ، ދަތް، ދޫނި
/ތ/ – ތަޅު، ތަށި، ތެލި، ތޮފި
/ލ/ – ލާރި، ލޯ، ލިބާސް، ލުނބޯ
ހިރުގަނޑު: ނ، ރ، ޒ، ސ
މި އަޑުތަކުގެ ޖަގަހަ އަކީ ހިރުގަނޑުގެ މައްޗެވެ. އެލްވިއޮލާ އެވެ. އެލްވިއޮލާ ފޯނީމްތަކުގައި ހިމެނެނީ /ނ/، /ރ/، /ޒ/ އަދި /ސ/ އެވެ
/ނ/ – ނައު، ނަނު، ނަގިލި، ނޯޓު
/ރ/ – ރަށް ، ރުއް، ރޮށި، ރެހި
/ޒ/ – ޒަރާފާ ، ޒިލޭބީ، ޒަހަރު، ޒައިތޫނި
/ސ/ – ސިޓީ ، ސިންގާ، ސިކުނޑި، ސައިފަތް
އިދިފުށައްތަލީގައި: ޑ، ޓ، ޅ
މި އަޑުތައް ނެރޭ އިރު ދުލުގެ ކުރި ފަހަތަށް ލަންބާ އިދުފުއް ތަލީގައި ޖައްސަން ޖެހޭނެއެވެ.. ދިވެހިބަހުގެ ރެޓްރޯފްލެކްސް ފިއްތި އަޑުތަކަކީ /ޑ/، /ޓ/ އަދި /ޅ/ އެވެ.
/ޑ/ – ޑަބިޔާ، ޑޮންޑޮން، ޑައިރީ، ޑައިނަމައިޓު
/ޓ/ – ޓުކުރި، ޓައި، ޓަކި، ޓައިރު، ޓޮނިކު
/ޅ/ – ޅާނބު، ޅޮސްމިޔަރު، ޅޮސްފަނި,
ހަރުތަލި: ޖ، ޗ، ޏ، ށ، ޔ
ހަރުތަލީގެ އަޑުތަކަށް ކިޔަނީ ”ޕެލެޓަލް“ އަޑުތަކެވެ. ޕެލެޓަކީ ތައްޔެވެ. ދިވެހިބަހުގައި ހަރުތަލީގެ ފަސް އަޑެއް ހިމެނެއެވެ. އެއީ /ޖ/، /ޗ/، /ޏ/، /ށ/ އަދި /ޔ/ އެވެ.
/ޖ/ – ޖަގު، ޖޯޑު، ޖޭމު، ޖަމަލު
/ޗ/ – ޗާޓު، ޗޭނު، ޗީޒު، ޗިޗަންޑާ
/ޏ/ – ޏަމް ޏަމް
/ށ/ – ށ
/ޔ/ – ޔާގޫތު، ޔޯޔޯ،
މަޑުތަލި: ގ ކ
މަޑުތަލި (soft pallets or velum)މިތަނުން ނެރޭ އަޑުތަކަށް ކިޔާނީ ”ވީލާ“ އަޑު ތަކެވެ. ދިވެހިބަހުގައި ވީލާ ހަތަރު އަޑު ހިމެނެއެވެ. /ކ/ އަދި /ގ/ އެވެ. މި ދެއަޑު ނެރޭއިރު ދުލުގެ މެދު ޖެހޭނީ މަތީ ތަލީގައެވެ.
/ގ/ – ގަޑި، ގެ ، ގެރި، ގުއި، ގޮޅާ
/ކ/ – ކިލާފަނި، ކަރާ، ކޯރި، ކޮވެލި
އަޑު/ލަގޮނޑި: ހ
އަޑު ފޮށި ނުވަތަ ގްލޮޓިސް އިން ނެރޭ އަޑުތަކުގެ ތެރެއިން ދިވެހީން ލަފުޒު ކިޔާއިރު ނެރޭ ހަމައެކަނި އަޑަކީ /ހ/ ގެ އަޑެވެ. ގްލޮޓިސްއިން ނެރޭ އަޑަށް ގްލޮޓަލް އަޑޭ ކިޔައެވެ
/ހ/ – ހޯނު، ހިނި، ހާ، ހިކަނދި
އަޑު ފިތޭ ގޮތް
އަޑު ފިތޭ ގޮތް މާނަކުރެވެނީ އަނގައިން ވަކި އަޑެއް އިއްވާއިރު، ފުއްޕާމެއިން ނިކުންނަ ވައި ހިފެހެއްޓޭ ގޮތް ނުވަތަ ވައި ފިއްތާ ގުނަވަންތަކުން ވައި ފިތޭ މިންވަރާއި ގޮތަށެވެ. މިގޮތުން ފޮނެޓިކްސް ގެ ބޭނުމަށް އަޑުފިތޭގޮތް އަށް ބަޔަކަށް ބެހިގެންވެއެވެ.
ވައި ނުކުތުން ބަންދުކޮށްލުން (Plosive )
މިއީ އަޑު ނެރޭ ނޮޅިއަށް ވައިފޮނުވުމަށްފަހު، ވަކި ގޮތަކަށް ހުއްޓުވައި ކުއްލި އަކަށް ދޫކޮށްލައިގެން ނެރޭ އަޑުތަކެވެ. މިސާލަކަށް /ޕ/ އަޑު ނެރުމުގެ ވައިފޮނުވާލުމަށްފަހު ދެތުންފަތުން ކުޑަ ހިނދުކޮޅަކަށް ވައި ހިފެހެއްޓުމަށްފަހު ކުއްލި އަކަށް ދޫކޮށްލައެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/ބ/ – ބަސް ، ބިސް، ބިޗޫ ، ބަތް
/ޕ/ – ޕާން ، ޕަރީ، ޕާކު، ޕާޓީ ، ޕާރުސަލް
/ދ/ – ދިދަ ، ދާ، ދަތް، ދޫނި
/ތ/ – ތަޅު، ތަށި، ތެލި، ތޮފި
/ޑ/ – ޑަބިޔާ، ޑޮންޑޮން، ޑައިރީ، ޑައިނަމައިޓު
/ޓ/ – ޓުކުރި، ޓައި، ޓަކި، ޓައިރު، ޓޮނިކު
/ޖ/ – ޖަގު، ޖޯޑު، ޖޭމު، ޖަމަލު
/ޗ/ – ޗާޓު، ޗޭނު، ޗީޒު، ޗިޗަންޑާ
/ގ/ – ގަޑި، ގެ ، ގެރި، ގުއި، ގޮޅާ
/ކ/ – ކިލާފަނި، ކަރާ، ކޯރި، ކޮވެލި
ނޯށުން ވައި ބޭރުކުރުން (ނޭސަލް)
ނޯށުން ވައި ބޭރުކުރުމަކީ މަޑުތަލި ތިރިކޮށް ދެތުންފަތުން އަނގަ ބަންދުކޮށް އަޑުނެރުމެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/މ/ – މަސް، މަޑި، މަގޫ، މާ
/ނ/ – ނައު، ނަނު، ނަގިލި
/ޏ/ – ޏަމް ޏަމް
ދުލުން ނުވަތަ ކުޑަދުލުން ރާރާއެޅުން (Trill)
ދުލުން ނުވަތަ ކުޑަދުލުން ރާރާއެޅުން ކިޔެނީ އަވަސް އަވަހަށް ދުއްލައް ލެއްވޭ ތުރުތުރަކަށެވެ. ނުވަތަ ވިހުރުމަކަށެވެ.
މިސާލު: /ރ/ ގެ އަޑު ނެރޭ އިރު، ދުލުގެ ކުރި ގެންގޮސް މަތީ ހިރުގަނޑުގެ އެތެރޭގައި ޖެއްސުމަށްފަހު ވައި ބޭރު ކުރާއިރު، ފިއްތުމަކާއެކު ދުލަށް ތުރުތުރެއް ގެނައުމުން /ރ/ މި އަޑު ނިކުމެއެވެ.
/ރ/ – ރަށް ، ރުއް، ރޮށި، ރެހި
ޓަކިޖެހުން (Tap)
ޓަކި އަޑަކީ، ދޫ، އެއްފަހަރު ތަނަކު ޖައްސާ ނެރޭ އަޑެކެވެ. ޓެޕްގެ ޙަޤީޤީ މާނައަކީ ފުއްޓަކި ނުވަތަ ޓަކި ޖެހުން ފަދަ ގޮތަކަށް ޖެހުމެވެ.ދިވެހި ބަހުގައި ޓެޕްއެއް އަދި ފްލެޕެއް ނުހިމެނެއެވެ
ހަނި ޖާގައަކުން އަޑު ނެރުން (Fricative)
މިއީ އަޑުގައި ކުޑަ ހިފެހެއްޓުމަކާއި އެކު ނެރެވޭ އަޑުތަކެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/ޒ/ – ޒަރާފާ ، ޒިލޭބީ، ޒަހަރު، ޒައިތޫނި
/ސ/ – ސިޓީ ، ސިންގާ، ސިކުނޑި، ސައިފަތް
/ވ/ – ވަދު ، ވިނަ، ވިލާ، ވާ
/ފ/ – ފައި، ފަޅޯ، ފުނާ، ފިޔާ
/ށ/ – ށ
/ހ/ – ހޯނު، ހިނި، ހާ، ހިކަނދި
ދުލުގެ ދެއަރިމަތިން ވައި ބޭރުކުރުން (Lateral Fricatives)
ފިއްތި ފޯނީމްތަކުގައި ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރާ އަޑެއް ހިމެނެއެވެ. ދޫ ގާތްކުރަނީ ހިރުގަނޑުގެ މައްޗާ އެވެ. ދިވެހިބަހުގައި މިގޮތަށް ނެރެވޭ އަޑެއް ނުހިމެނެއެވެ
ބޮޑު ޖާގައަކުން އަޑު ނެރުން (Approximant)
މިއީ އަނގައިތެރޭގައު މެދުމިނަކަށް ހިފެހެއްޓުމަށްފަހު ބޭރުކުރެވޭ އަޑުތަކެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ އަޑަކީ /ޔ/ އެވެ.
/ޔ/ – ޔާގޫތު، ޔޯޔޯ،
ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރުން (Lateral Approximant)
މިގޮތައް އަޑުނެރުމަކީ ދުލުގެ ދެ އަރިމަތީގައި ބޮޑު ޖާގައެއް އުފައްދައި ވައި (ނޭވާ) ބޭރުކުރަމުން އަޑުނެރުމެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ ދެ އަޑަކީ /ލ/ އަދި /ޅ/ އެވެ.
/ލ/ – ލާރި،ލާލު ލޯ، ލިބާސް، ލުނބޯ
/ޅ/ – ޅާނބު، ޅޮސްމިޔަރު، ޅޮސްފަނި,
އަޑު ނުކުންނަ އިރު އަޑުފޮށީ ގައިވާ ރާރާ
ބައެއް ފިއްތި އަޑު ނުކުންނަ އިރު، ގްލޮޓިސް ގެ ތެރެއިން ވައި ނުކުންނަނީ ރާރާ ނުވަތަ ވޯކަލް ފޯލްޑްސް އެއްވެސް ގޮތަކަށް ތުރުތުރު ނާޅާއެވެ. އަނެއްބައި އަޑު ނުކުންނައިރު، ރާރާ ތުރުތުރު އަޅައެވެ.
މިސާލު:
ވެން – /ވ/ އަކީ ރާރާ އަޑެކެވެ.
ފެން – / ފ / އަކީ ރާރާ އަޑެއް ނޫނެވެ
ދިވެހިބަހުގައި ވޮއިސްޑް އަޑުތަކުގެ ތެރޭގައި /ބ/، /ވ/، /ދ/، /ގ/، /ޒ/ ހިމެނެއެވެ
ދޫ އަޑުތައް: ވަވަލް، ވީއްލިފައިވާ އަޑު، ދޫ އަޑު
ލީން ނުވަތަ ދޫ ފޯނީމްތަކަކީ ފުއްޕާމެއިން ވައި ނުކުންނައިރު ލަގޮނޑީގައިވާ ރާރާ ތުރުތުރުއެޅުމާ އެކު ހިފެހެއްޓުމެއް، އަޅައިގަތުމެއް ނެތި އަޑުގެ ގުނަވަންތަކުން އިއްވާ އަޑެވެ. މި ފޯނީމްތަކަށް ވަވްލް ފޯނީމް އަޑުތަކޭވެސް ކިޔައެވެ. ދިވެހި ބަހުގައި ލީން ފޯނީމްތައް ދެބަޔަށް ބައިކުރެވެއެވެ. އެއީ އެއް އަޑު ހިމެނޭ ލީން އަޑާއި ދެ އަޑު ހިމެނޭ ލީން ނުވަތަ ދޫ އަޑެވެ.
ދިވެހިބަހުގައި ހިމެނެނީ ލީން 10 ފޯނީމެވެ. އެ ފޯނީމުތަކަކީ އަ–އާ–އި–އީ–އު–އޫ–އެ–އޭ–އޮ–އޯ އެވެ. އަދި ދިވެހި ތިރީގައިވާ ޗާޓުން ލީން އަޑުތައް ނެރޭ ޖަގަހަތައް ބަަލައި ލާށެވެ.
- ކުރު ފިލި: (އަ) /a/، (އި) /i/، (އު) /u/، (އެ) /e/، (އޮ) /ɔ o/
- ދެމޭ ފިލި: (އާ) /əː/، (އީ) /iː/، (އޫ) /uː/، (އޭ) /eː/، (އޯ) /ɔː oː/
ދިވެހި ބަހުގައި ޢާއްމުކޮށް ދެލީނުގެ އަޑުގޮތުގައި ފާހަގަ ކުރަނީ އައިބައި ފިއްޔާއި އައުބައު ފިއްޔެވެ. ނަމަވެސް އިތުރު އެހެން ދެފިލީގެ ނުވަތަ ދެލީނުގެ ފޯނީމްތައް ދިވެހިބަހުގައި ހިމެނެއެވެ. ޖުމްލަކޮށް ދިވެހި ބަހުގައި ސަތާރަ ދެލީނުގެ ފޮނީމު ހިމެނެއެވެ.
[ލީން އަޑުގެ ޖަގަހަ ތަކުގެ ކުރެހުމެއް ]
ހާއްސަ ސިފަތައް:
ސުކުން ފިލި
- ސުކުން ފިލި <◌ް> އިން ދައްކުވައިދެނީ އަކުރަކަށް (consonant) ފަހު މަތިފިޔެއް (vowel) ނެތްކަމެވެ.
އް ސް ން ތް ށް
ހުސްނޫނު
- ހުސްނޫނު ‘ނ‘.ފިއްޔެއް ނެތް ހާއްސަ ހާލަތެއް. ނ (“ނޫނު“) ގައި ފިއްޔެއް ނެތި އޮވެއްޖެނަމަ، އެއިން ދޭހަވަނީ ޖެހިގެން އަންނަ އަޑުގެ ކުރިއަށް ނޭފަތްޕިލަ އަޑު އަންނަ ކަމެވެ
މިސާލަކަށް: ކަނޑު /kandu/ މާނައަކީ “ކަނޑު“
- މީގައި ތެރޭގައި (އ) /∅/، (“އަލިފު“) އަކީ ވަކި ހާއްސަ ކަމެއް ދެވިފައިވާ، އަމިއްލަ އަޑެއް ނެތް (null consonant)، އަކުރެކެވެ. އަދި މި އަކުރު ބޭނުންކުރެވޭ ތަފާތު ގޮތްގޮތް އޮވެއެވެ. މީގެ ތެރޭގައި،
- ވަކިން އޮންނަ ފިލިތަކަށް ބާރުދިނުމަށް،
- شدة ޖެހުމަށް (شدة ޖެހުން ބައްލަވާ)،
- ބަހެއްގެ ފަހަތުގައި همزة އަޑު އުފެއްދުމަށް (همزة ބައްލަވާ) ބޭނުންކުރެވެއެވެ


