ދިވެހިބަހަށް އަދުގެ ދަރިން އަހުލުވެރި ކުރުވުމުގެ ބޭނުމަކީ ކޮބާ؟
މިއީ އަދުގެ ވަރަށް ގިނަ ބެލެނިވެރިންގެ ސުވާލެކެވެ. ބެލެނިވެރިން އެކަންޏެއް ވެސް ނޫނެވެ. ދަރިވަރުންގެ ވެސް ސުވާލެކެވެ. މި ސުވާލުގެ ޖަވާބު، އަހަރެން ދެކޭ ގޮތުގައި، އެއްގޮތަކުން ވަރަށް ތިލައެވެ. އަނެއް ގޮތަކުން އެހާ ތިލަކޮށް ބުނެގެން ފަހުމުވާ ވަރަށް ވުރެ ފުޅާވެފައި ފުންމެއެވެ. މިކަމުގައި އަހަރެންގެ ވިސްނުން ހިއްސާކޮށްލުމުގެ ކުރިން ފުރަތަމަ މުޖުތަމައުގެ ތެރޭގައި ބަހާ މެދު ވިސްނުން ގެންގުޅޭގޮތާއި، އަދުގެ ދަރިވަރުންގެ ކިބައިގައި ބަހުގެ ފެންވަރު ހުރި މިންވަރު ބަލައިލާނަމެވެ.
ފުރަތަމަ ވިސްނުން: ‘ދިވެހި ބަހަކީ ފަގީރު ޒަމާނަށް އެކަށޭ ބަހެއް ނޫން’
މި ވިސްނުމުގެ ބެލެނިވެރިން އަދި ދަރިވަރުންވެސް ދެކޭ ގޮތުގައި ދިވެހި ބަހަކީ ‘ބޭކާރު’ ބަހެކެވެ. އަދުގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ، ސައިންސާއި އަދި އޭއައިގެ ދުނިޔޭގައި ކުރިއަށް ދިއުމަށް ބަލާއިރު، ދިވެހިބަހުގެ ބަސްކޮށާރު މަދުވުމާއި، ދިވެހި ބަސް އުނގަންނައިދިނުމުގެ ވަސީލަތްތައް މަދުވުން ފަދަ ކަންކަން ހުރުމަކީ ދިވެހިންގެ ފިކުރީ ތަރައްގީއަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ގިނަ ފަހަރު ބޮލުތެރޭގައި އޮންނަ އެއްޗެއް ބުނެލަން އިނގިރޭސިބަހުން ބުނެލަން އަދުގެ ގިނަ ކުދިންނަށް ފަސޭހައެވެ. ހުނަރުވެރިކަމާއި އިލްމުވެރިކަން އިސްކޮށް ހަޔާތުގެ ކާމިޔާބީއަށް އެދޭނަމަ އިނގިރޭސި ބަސް ފަދަ މައުލޫމާތު މުއްސަނދި ވަސީލަތް ގިނަ ބަސްތަކަށް އަހުލުވެރިވުން މާ އައުލާކަން ބޮޑެވެ. މިއީ އެއް ވިސްނުމަކުން ބަލައިފިނަމަ ޖަދަލު ނުކުރެވޭނެ ހަގީގަތެކެވެ.
ދެވަނަ ވިސްނުން: މާދަރީ ބަހަކީ ކާކުވަންތަކަމުގެ އަސާސް
ބަހުގެ ދައުރަކީ ބައެއްގެ ކާކުވަންތަކަން ރަމްޒުކޮށްދޭ އެންމެ މުހިންމު ބަހާ، ނުވަތަ އަސާސީ ނިޒާމެއްގެ ގޮތުގައި ދެކޭ ބެލެނިވެރިންނަށް، އަދި ދިވެހި ބަހުގެ ހިދުމަތުގައި ތިއްބެވި ފަރުދުންނަށް ބައެއްގެ މާދަރީ ބަހަކީ އެ ބައެއްގެ ފިތުރީ ނުވަތަ ތަބީއީ ބިންގަލެވެ. ބަހަކީ ހަމައެކަނި ލަފްޒުތަކެއް ނޫނެވެ. އެއީ އެ ބަހަކުން ވާހަކަދައްކާ އެ ބަހުގެ އަހުލުވެރިންގެ ތާރީޚާއި، ސަގާފަތާއި، އަދި ދީނީ އަގުތައް ރައްކާތެރިކޮށްދޭ ފުރާނައެވެ. މާދަރީ ބަސް ނެތިގެން ދިއުމަކީ އެ ބައެއްގެ ގައުމިއްޔަތާއި ސިންދަފާތުތައް ގެއްލިގެން ދިއުމެވެ. މިގޮތަށް ބަހަކީ އިންސާނާގެ ފިތުރީ ބިންގަލުގެ ގޮތުގައި ބެލުމުން ބަހަކީ ނިޒާމެކެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދަންމަރެވެ. އަދި ފުރަތަމަ ބުނެވުނު ނަޒަރިއްޔާތަކީ ވެސް މި ނިޒާމުގެ ގޮތްޕެއްގެ ގޮތުގައި ބަދަލުވެގެން ދެއެވެ. މިގޮތަށް ވިސްނުމުން އެހެނިހެން ބަސްބަހުގެ ނުފޫޒު ބަހުގެ ތެރެއަށް އައިސްފައި އޮތުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެއީ ބަސް ދިރިހުރިކަމުގެ ނިޝާނެކެވެ. އެއީ ދިވެހި ބަހުގެ ބަސްކޮށާރަށް ވެސް އަންނަ އިތުރު ފުރިހަމަކަމެކެވެ. އިނގިރޭސި ބަސް ފަދަ ބޮޑެތި ބަސްތަކަކީ ވެސް މިގޮތަށް ފްރެންޗް، ލެޓިން ފަދަ ބަސްތަކުން ދިރުން ލިބިގެން ބޮޑެތިވެފައި ހުރި ހައިބްރިޑް ބަސްތަކެވެ.
ދެ ވިސްނުމުގެ ފަރަގު
ކުރިން މި ބަޔާން ކުރެވުނު ދެ ވިސްނުމުގައި ބަހުގެ ދައުރު ހާސްބައި ތަފާތެވެ. ފުރަތަމަ ވިސްނުމުގައި ބަހަކީ ހަމައެކަނި މުއާމަލާތް ކުރުމަށް ބޭނުން ކުރެވޭ ލަފްޒުތަކެއްގެ ގޮތުގައި ދެކެވޭ ވިސްނުމެކެވެ. ދެވަނަ ވިސްނުމަކީ މިއަށް ވުރެ ފުޅާ އަދި ފުން ނަޒަރަކުން، ބަހަކީ އެ ބައެއްގެ ކާކުވަންތަކަން ރަމްޒުކޮށްދޭ އަސާސީ ނިޒާމެވެ. މަޖާޒަކުން ތިލަކޮށްލަނީނަމަ؛ ދިވެހިންނަށް ދިވެހި ބަހަކީ ދެވަނަ ވިސްނުމުގައި ވާ ގޮތަށް ފޯނެއްގައިނަމަ އޮޕަރޭޓިންގ ސިސްޓަމް (OS) ފަދަ އެއްޗެކެވެ. މުއާމަލާތް ކުރުމުގެ ގޮތުން ދިވެހި ބަސް ބޭނުން ކުރުމާއި އަދި އިނގިރޭސި ނުވަތަ އަރަބި ފަދަ އެހެނިހެން ބަސްބަސްވެސް މި ބީދައިން ބޭނުން ކުރުމަކީ އޯއެސް މަތީގައި ހިންގާ އެޕް (App) ތަކެކެވެ. އޯއެސް ވަރުގަދަ ނޫންނަމަ، ކިތަންމެ މޮޅު އެޕެއް އަޅަން އުޅުނަސް ފޯނު ‘ހޭންގް‘ ވާނެއެވެ. މި ދެ ވިސްނުމުގެ ފަރަގަކީ މިއީއެވެ.
‘ހޭންގް’ ވެފައިވާ ތައުލީމީ ނިޒާމެއް
ކުރިން މި ފާހަގަ ކުރެވުނު އޮޕަރޭޓިންގ ސިސްޓަމެއްގެ މިސާލާއެއްގޮތައް ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އޮތީ ‘ހޭންގް‘ ވެފަ ކަމަށް އަހަރެންނަށް ގަބޫލުކުރެވެއެވެ. އަހަރެން ގަބޫލު ކުރާގޮތުގައި ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި މި ދޯހަޅި ކަމަކީ ދިވެހި ގައުމުގެ ވަރަށް ގިނަ ބެލެނިވެރިންނަށް ވެސް ކޮންމެވެސް ވަރަކަށް ފަހުމުވާ އެކަމު ސީދާ ކިހިނެއް، ކޮން ދަލީލަކަށް ބިނާ ކޮށްފަ، ކޮންގޮތަކަށްތޯ ޔަގީން ކުރާނީ ބުނަން ނޭނގޭ ކަމެކެވެ.
ވޭތިވެދިޔަ ހައެއްކަ އަހަރުގެ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ އިދާރާ، ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (QAD) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލައިލީމަ މިކަން ކަށަވަރުވެގެން ދެއެވެ. މި ލިޔުމުގެ ބޭނުމަށް އަހަރެން ބަލައިލާނީ މައިގަނޑު ގޮތެއްގައި ތިރީގައިވާ ރިޕޯޓުތަކަށެވެ:
- 28 މޭ 2023 ގައި ޝާއިއު ކޮށްފައިވާ 2021 ގެ ‘ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް’ (NALO) ރިޕޯޓް
- 25 މާޗް 2025 ގައި ޝާއިއު ކޮށްފައިވާ 2024 ގެ ‘ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް’ (NALO) ރިޕޯޓް
- މާޗް 2025 ގައި ޝާއިއު ކޮށްފައިވާ 2024 ގެ ޅަފަތުގެ ތައުލީމުގައި ކިޔުމާއި ހިސާބު މާއްދާގެ ފެންވަރު ދެނެގަތުމުގެ ދިރާސާ (EGRA and EGMA) ރިޕޯޓް
މި އެސެސްމަންޓް ތަކުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގައި ކުދިންގެ ފެންވަރު ދެނެގަތުމެވެ. މީގެ ތެރެއިން އިނގިރޭސި އަދި ހިސާބުގެ ފެންވަރުގެ މިންގަނޑުތައް ކަނޑައެޅިފައިވަނީ ބައިނަލް އަގުވާމީ PIRLS އަދި TIMSS ގެ މިންގަނޑުތަކަށެވެ.
އެންމެ ފުރަތަމަ، 2021 ވަނަ އަހަރުގެ ‘ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް‘ (NALO) ގެ ތަފާސްހިސާބުތަކަށް ނަޒަރު ހިންގާލާއިރު، ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ ދަރިވަރުން އިނގިރޭސި ބަހާއި ހިސާބު މާއްދާއިން ހޯދާފައިވާ ނަތީޖާތައް، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އަޅާބަލާއިރު ‘cognitive’ ނުވަތަ މަޢުލޫމާތާއި ޢިލްމު ދެނެގަތުމާއި މާނަކުރުމާއި ދޭހައިގެ ހުރިހާ ފަންތިއެއްގައިވެސް އާދަޔާޚިލާފަށް ދަށެވެ. މީގެ ތެރޭގައި އިނގިރޭސި ބަހުގެ އުނދަގޫ ލިޔުންތައް ފަހުމްވުމުގެ ފެންވަރާއި، ދިރިއުޅުމުގެ އަމަލީ މައިދާނުގައި ހިސާބު އިލްމު ބޭނުންކުރުމުގެ ހުނަރުތައް ކަންބޮޑުވާ މިންވަރަށް ދަށްކަން ފާހަގަކުރެވެއެވެ.
- އިނގިރޭސި ބަސް (އުނދަގޫ ލިޔުންތައް ދެނެގަތުން):
ގްރޭޑް 4 ގެ އެވްރެޖަކީ އެންމެ 35.08% އެވެ.
ގްރޭޑް 7 ގެ އެވްރެޖަކީ އެންމެ 52.18% އެވެ. - ދިވެހި ބަސް (އުނދަގޫ ލިޔުންތައް ދެނެގަތުން):
ގްރޭޑް 4 ގެ އެވްރެޖަކީ 44.54% އެވެ.
ގްރޭޑް 7 އަށް ދާއިރު މި ނަތީޖާ ވަނީ 41.92% އަށް އިތުރަށް ދަށްވެފައެވެ. - ހިސާބު (ވިސްނުން ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމާއި އާންމު ދިރިއުޅުމުގައި ބޭނުން ކުރުން):
ގްރޭޑް 4 ގެ އެވްރެޖަކީ 47.15% އެވެ.
ގްރޭޑް 7 ގެ އެވްރެޖަކީ އެންމެ 41.76% އެވެ.
މި ނަތީޖާތަކުން ދޭހަވަނީ، މިލިޔުމުގައި ކުރިން ފާހަގަ ކުރެވުނު ދިވެހި ބަހަކީ ‘ބޭކާރު‘ ބަހެއް ކަމަށް ދެކި، އަދި އިނގިރޭސިބަހަށް އިސްކަން ދިނުމަކީ ކުރިއެރުން ކަމަށް ބަލާ ވިސްނުމުގެ ބެލެނިވެރިންނަށްވެސް، މިނަތީޖާތަކަކީ އެހާ ޗާލާކީ ނަތީޖާތަކެއް ނޫނެވެ. މާމަ ކާފަޔަށް ބުރު ނޭނގޭ ވަރަށް އިނގިރޭސިން އަދި ތެޅުވިއެއްކަމަކު ބަހުގެ ދޭހަ ހުރީ ވަރަށް ދަށުގައެވެ.
މިއީ މީގެ ފަސް އަހަރު ކުރީގަ ހާލަތު އޮތް ގޮތެވެ. އަދުގެ ހާލަތަކީ ކޮބައިތޯ އެވެ؟ މިސުވާލުގެ ޖަވާބު ހޯދާލުމަށް އަހަރެން ދެން ބަލާލާނީ 2024 ގެ NALO ރިޕޯޓަށެވެ. NALO 2021 ގެ އެސެސްމަންޓާއި ހިލާފަށް މި އެސެސްމަންޓުގައި ނަގާފައިވަނީ ގްރޭޑު 3 އަކާއި 6 ގެ ދަރިވަރުންގެ ފެންވަރު ބެލުމެވެ. ހިސާބުގެ ފެންވަރު ކަނޑައެޅުމަށް ބޭނުން ކޮށްފައިވަނީ TIMSS ގެ 1995 ގެ މިންގަނޑާއި 2011 މިންގަނޑުތަކެވެ. މި މިންގަނޑުތަކަކީ ވަރަށް މުސްކުޅި ކުރީގެ، ބައިނަލްއަގުވާމީ ފަރާތްތަކުން މިޒަމާނުގައި ވަޒަންކުރަން ނުވެސް ގެންގުޅޭ މިންގަނޑުތަކެކެވެ. އެހެނަސް މައްސަލައެއް ނެތެވެ. މިއީ ދެރަ މިންގަނޑުތަކެއް ނޫނެވެ. ހިތާމައަކީ މިފަދަ ކުރީގެ މިންގަނޑުތަކަކުން ބެލުމުންވެސް، ދަރިވަރުންގެ ބުއްދީގެ ހަމަތަކުން ކަންކަން ވިސްނައިގަތުމާއި، ލިޔުންތައް ކިޔައިގެން މާނަ ދެނެގަތުމުގެ ގާބިލުކަން ނިޒާމީ ގޮތުން ފެންނަން އޮތީ ބޯކޮޅު ވަތައްކަމެވެ.
ނަތީޖާތަކަށް ކޮންމެވެސް ވަރަކަށް ވަކިވަކިން ބަލާއިރު، ގްރޭޑް 3 ގެ ދަރިވަރުން ދިވެހި މާއްދާއިން ހޯދާ ނަތީޖާ ޖުމްލަގޮތެއްގައި ދަށަށްދާކަން ފާހަގަކުރެވެއެވެ. މީގެ 10 އަހަރު ކުރިން 62.20% ގަ ހުރި ދަރިވަރުންގެ ފެންވަރު މިއަދު ވަނީ 40.18% އަށް ވެއްޓިފައެވެ. މިދެކެވެނީ އަހަރެމެންގެ މާދަރީ ބަހުގެ ވާހަކައެވެ. އޭގެން އަހަރެމެން ފެއިލްވެފައިވާ މިންވަރެވެ. ދެން ހުރި މާއްދާތަކުންވެސް މާބޮޑު ކުރިއެރުމެއް އައިސްފަކާ ނެތެވެ. ގްރޭޑް 6 ގެ އިނގިރޭސި މީގެ 10 އަހަރުކުރިން ހުރި 51.10% އިން ވަނީ 47.71% އަށް ވެއްޓިފައެވެ.
- އިނގިރޭސި ބަސް (ފުންކޮށް ދޭހަވުން):
ގްރޭޑް 3 ގައި ބައިނަލްއަގްވާމީ މިންގަނޑުން (PIRLS) ބަލާއިރު، ލިޔުމެއްގެ މާނަ ނެރުމުގެ ގާބިލުކަން ހުރީ ހަމައެންމެ 22.59% ގައެވެ.
ގްރޭޑް 6 ގެ އެވްރެޖަކީ 47.71% ވިޔަސްވެސް ކިޔުމުގެ ހުނަރުތަކުގެ ނަތީޖާ ވަނީ 30.81% އަށް ވެއްޓިފައެވެ. - ދިވެހި ބަސް (އަސާސީ ހުނަރުތައް): ގްރޭޑް 3 ގެ އެވްރެޖަކީ އެންމެ 40.18% އެވެ.
ބައެއް އަސާސީ ހުނަރުތަކުގެ ނަތީޖާ ހުރީ 24.41% ގައެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ގްރޭޑް 6 ގެ އެވްރެޖަކީ ވެސް ފެއިލްވާ މިންވަރެއް ކަމަށްވާ 49.08% އެވެ. - ހިސާބު (TIMSS 1995 ގެ މިންގަނޑު):
ގްރޭޑް 3 ގައި ‘ރީޒަނިންގ‘ ނުވަތަ ވިސްނުން ބޭނުންކޮށްގެން ހައްލުކުރަންޖެހޭ މައްސަލަތަކުގެ އެވްރެޖަކީ އެންމެ 19.4% އެވެ. (މިއީ 30 އަހަރު ކުރީގެ މިންގަނޑަކުން ވަޒަންކުރުމުންވެސް ކުދިން ފެއިލްވެފައިވާ މިންވަރެވެ).
ގްރޭޑް 6 ގެ އެވްރެޖަކީ އެންމެ 44.1% އެވެ.
މި ނަތީޖާތަކަކީ ދިވެހި ކޮންމެ ފަރުދަކު، ހާސަކޮށް ބެލެނވެރިޔަކުމެ، އިންތިހާޔަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ފެންވަރު ދަށްވިޔަސް ދާއިރާއަށް ކުރާ ހަރަދު ދަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ. 2022 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓަކީ 4.07 ބިލިއަން ރުފިޔާއެވެ. އަދި 2026 ކަނޑައެޅިފައިވާ ބަޖެޓަކީ 5.65 ބިލިއަން ރުފިޔާއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ ގައުމުގެ މުސްތަގުބަލު މަޑުމަޑުން ފީވެގެން ދަނީއެވެ. ފެންނަ ފެނުމަށް މަދަރުސާތަކުގެ ފާރުތަކުގެ ކުލަ ކިތަންމެ ހުދެވެފަ، ޔުނީފޯމުތައް ތާހިރަސް، އަދި ކުލާސް ރޫމުތަކުގެ ފިނި ހޫނުމިން ހެޔޮވަރަސް، ހަގީގަތަކީ ތައުލީމީ ނިޒާމުގެ އެތެރެ އޮތީ ހޮއި ކޮންނެވެ. މީދާ ކޭ އުނބެކޭ އެއްފަދައެވެ.
މިހިސާބުން ދެން މި އެސެސްމަންޓުތަކުގެ ވާހަކަ ކުރުކޮށްލާނަމެވެ. މައްސަލަ ދެނެގަނެވިއްޖެ ނޫންތޯއެވެ. ދަށްވެގެން މިއުޅެނީ ހަމައެކަނި ދިވެހި ބަހެއް ނޫނެއް ނޫންތޯއެވެ. އިނގިރޭސިވެސް މެއެވެ. ދިރިއުޅުމުގެ ފަންނީ ކޮންމެ ހުނަރަކަށް އަދި މާއްދާއަކަށް ބޭނުންވާ ހިސާބު މާއްދާއަށް ވެސް މިވަނީ މީގެ އަސަރު ކޮށްފައެވެ. ނަތީޖާ ދައްކާ ގޮތުންނަމަ ހިސާބުން ނަތީޖާ ދަށްވަނީ ހަމައެކަނި ނަންބަރުތައް ނޭނގިގެނެއް ނޫނެވެ. ދިވެހި އަދި އިނގިރޭސި ބަހުންވެސް ކަންކަން ފުންކޮށް ދެނެގަތުމުގެ ހުނަރު ނެތުމުގެ ސަބަބުން، ހިސާބު އިބާރާތްތަކުގައިވާ މައްސަލަތައް ހައްލުކުރަން ކުދިންނަށް ނޭނގެނީއެވެ.ދަރިވަރުންގެ މަޢުލޫމާތާއި ޢިލްމު ދެނެގަތުމާއި މާނަކުރުމާއި ދޭހައިގެ ގާބިލިއްޔަތުކަން އާދަޔާޚިލާފަށް ދަށީއެވެ. މާދަރީ ބަހުގެ ވަރުގަދަ އަސާސެއް ނެތް ނަމަ އުނގެނުމުގެ މަރުހަލާތަކުގައި ހާއްސަކޮށް ސާނަވީ މަރުހަލާތަކުގައި ފެންވަރު ދަށްވެގެން ދެއެވެ (ތޯމަސް އަދި ކޮލިއަރ 1997، 2002).
ދެއުޅިއެއް ނުވާ ވާދަވެރިކަން: ހުނަރާއި ތައުލީމުގެ ފަރަގު
މަދަރުސާތަކުގެ ވާދަވެރިކަން ބޮޑުވެ، ކުދިންނަށް ކިޔަވައިދެވޭ އެއްޗެއް ދޭހަވުމާއި ފަހުމުވުމަށް އެހީތެރިވެދިނުމުގެ ބަދަލުގައި ބޮޑަށް އޮތީ، ‘ހިތުދަސްކުރުމުގެ’ ސަގާފަތެއް ގާއިމުވެފައެވެ. ޓެސްޓް ޕޭޕަރުތައް ފޮޓޯކޮޕީ ހަދައިގެން ސުވާލުތައް ހިތުދަސްކޮށް ޖަވާބު އޮތްގޮތަށް ލިޔުމުގެ ނަތީޖާއަކީ، އަމަލީ ދުނިޔެއަށް ނުކުންނަ ކުދިން ގައުމުގެ ހުންގާނުގައި ހިފަން ނުކުޅެދިފައިވުމެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (2023) އިން ހާމަކޮށްފައިވާ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތާ ބެހޭ ރިޕޯޓުގައި ވާގޮތުންނަމަ:
- ރާއްޖޭގެ މަސައްކަތްތެރިންގެ ތެރެއިން ބޮޑު އިންސައްތައެއް، އެބަހީ 51% މީހުން އަދާކުރަނީ އެމީހުންގެ ކިބައިގައި ހުރި ހުނަރާއި ތަޢުލީމާ ނުބައްދަލު ވަޒީފާތަކެވެ.
- ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ 43% އަކީ ބޭރު މީހުންނެވެ. ވަޒީފާ އަދާކުރާ ޒުވާނުންގެ (15-24 އަހަރު) ތެރެއިން ގިނަ މީހުންނަށް (54%) ލިބިފައިވަނީ ހަމައެކަނި ސާނަވީ ތަޢުލީމެވެ.
- އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ 19.5% އަދި 18 އަހަރާއި 35 އަހަރާ ދެމެދުގެ 23.0% ޒުވާނުން ތިބީ އިޤްތިޞާދީ ނުވަތަ ތަޢުލީމީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެއެވެ.
މި ރިޕޯޓުތައް އެއް ރިޕޯޓާ އަނެއް ރިޕޯޓާ ސީދާ ގުޅުމެއް ފާހަގަކޮށްފައި ނެތަސް، އަހުރެންނަށް ކަށަވަރުވާ ކަމެއް އެބައޮތެވެ. މިއީ ‘ނާލޯ‘ ރިޕޯޓުގައި ފާހަގަކޮށްފައިވާ، އުނގެނުމުގައި ހުރި އުނިކަންކަމާއި ވިސްނުން ތަރައްޤީނުވުމުގެ ސީދާ ނަތީޖާއެކެވެ. އަސާސީ ހުނަރުތަކާއި ވިސްނުން ތަރައްޤީނުވުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް މި ދިވެހިރާއްޖޭގެ ފުރިހަމަ ނަފާ ހޯދުމަށް ނުކުޅެދިފައިވާ ކަމެވެ.
މިކަމުގައި ހެދޭނީ ކިހިނެއް ހެއްޔެވެ؟
މިކަންކަމުގެ ބެލެނިވެރި މުއައްސަސާތަކަށާއި މަދަރުސާތަކަށް ބެލެނިވެރިން ގޮސް ‘ޑޯސް’ އެއް ދޭންވީ ހެއްޔެވެ؟ އެހެނަކުންވެސް އަދި މިކަން ވާކަށް ނެތެވެ. ބެލެނިވެރި މުއައްސަސާތަކުގައި ކަންކަމާ ހަވާލުދާރީވެގެން ތިބީވެސް ކުރިން މިބުނެވުނު ބައިކުޅަބައި ހުނަރާއި ތަޢުލީމާ ނުބައްދަލު ފަރުދުންނެވެ. މިއީ އެ ފަރުދުންގެވެސް މައްސަލައެއް ނޫނެވެ. ނިޒާމުގައި ހުރި އުނިކަމެއްވިއްޔާ ނިޒާމުގެ ކޮންމެ ދިމާލަކުންވެސް ފެންނާނެއެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައާއި ބޮލުގައި އަޅައިގެން ތިބި މުދައްރިސުންވެސް މި ނާޒުކު ފައްތަރަކުން އިސްތިސްނާއެއް ނުވެއެވެ. މުދައްރިސުން މަސައްކަތަށް ފޫހިވެގެން ނުވަތަ ސްކޫލްތަކުގެ ތަރުތީބު ގެއްލިގެން ކަމަށް ބަޔަކު ގަބޫލުކުރާނަމަ، އެއީ ކުށްހީއެކެވެ. 2021 ވަނަ އަހަރުގެ NALO ރިޕޯޓުގައި ވާ ގޮތުގައި، 87% މުދައްރިސުން ތިބީ އެމީހުންގެ ވަޒީފާއާ މެދު ވަރަށްވެސް ހިތްހަމަޖެހިގެންނެވެ. އަދި ހަމަ މިއަދަދަށް 87% ގަބޫލުކުރާ ގޮތުގައި ދަރިވަރުންގެ އަދަބު އަހުލާގު ރަނގަޅެވެ. އަދި 96% ގަބޫލުކުރާ ގޮތުގައި ސްކޫލްގެ ހަރަކާތްތަކުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބެއެވެ.
ކަމުގެ ގޮންޖެހުން ހުރީ އެހެން ދިމަދިމާލުގައެވެ. މުދައްރިސުންނަށް ޒަމާނީ ކުދިންގެ ސަމާލުކަން ހޯދުމަށް ބޭނުންވާ ފަންނީ ތަމްރީނެއް ނުލިބޭކަން މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ރިޕޯޓުގައި ޖުމްލަ 1،710 މުދައްރިސުންގެ ސަރވޭއަށް ބިނާކޮށް ހިމަނާފައިވާ ތަފްސީލުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި:
- ދިވެހި ބަހުގެ އަދަބިއްޔާތާއި އަކުރު ދަސްކޮށްދިނުމުގެ ޚާއްޞަ ތަމްރީނު ލިބިފައިވަނީ އެންމެ 35% މުދައްރިސުންނަށެވެ. ހިސާބު މާއްދާއަށް ބަލާއިރު މިއަދަދު ހުރީ އެންމެ 25% ގައެވެ.
- މަސައްކަތްކުރާ މުދައްރިސުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ނުވަތަ 46% މުދައްރިސުން ސާފުކޮށް ބުނާ ގޮތުގައި ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ސްކޫލްތަކަކު ނެތެވެ.
- 38% މުދައްރިސުން ފާހަގަކުރާ ގޮތުގައި ފިލާވަޅުތައް ތައްޔާރުކުރުމަށް ސްކޫލްތަކުގައި ކޮމްޕިއުޓަރު ފަދަ ވަސީލަތްތަކެއް ނެތެވެ.
މުދައްރިސުން ވަނީ އެމީހުންނަށް ވާވަރަކުން ރައްކާތެރި މާހައުލެއް މަދަރުސާތަކުގައި ގާއިމުކޮށްދީފައެވެ. ނަމަވެސް 46% މަސައްކަތްކުރަނީ ފުރިހަމަ ވަސީލަތްތައް ނުލިބިއެވެ. ދަރިވަރުންގެ ޝައުގުވެރިކަން އަތުލެވޭނެ ފަދަ ޒަމާނީ ވަސީލަތެއް އެމީހުން އަތަކު ނެތެވެ. ޕޯޗުގީޒުން ރާއްޖެ އަރައި ދިވެހިންގެ ކަރަށް ގަދަކަމުން ރާ އެޅި ފަދައިން މަދަރުސާތަކުގައި އުނގަންނައިދިނުމަކީ މަޖުބޫރުން ހަންމޮށި އަޅައިގެން ކުރުވަން ޖެހޭ ތަކުލީފީ ކަމަކަށް މިއަދު ވެއްޖެއެވެ. އަދުގެ ޓީޗަރުން މިއަދު މަސައްކަތްކުރަން ޖެހިފައިވަނީ މޮހުނަށް އޮޑި ދީފައިވާ އުސޫލުންނެވެ.
ދޭހަވުމުގެ ނުކުޅެދުންތެރިކަން
މިހާރުދެން މައްސަލަ ސާފުވެއްޖެ ނޫންތޯއެވެ. މިއުޅެނީ ދޭހަވުމުގައި ހުރި ނުކުޅެދުންތެރިކަމެއް ފާވެގެންނެވެ. ދޭހަނުވާ ކަމުގައި ވަނީނަމަ ދެން ކަންކަމުގައި ނިންމޭ ނިންމުން ނިންމޭނީ ބައިކުޅަބައިކޮށެވެ. އެއީ މަދަރުސާގައި އުނގަންނައިދޭ އެއްޗެއް ކަމުގައި ވީނަމަވެސްއެވެ. ނުވަތަ އަދާ ކުރާ ވަޒީފާގެ ކަންކަން ކުރުމުގައި ވިޔަސްމެއެވެ. ނުވަތަ ތިމާމެންގެ ކަންކަން ބަލަހައްޓަން އިސްކުރާ މީހުން އިސްކުރުމުގައި ކަމަށް ވިޔަސްމެއެވެ. ރަނގަޅަށް ދޭހަނުވެ ތިމާއަށް ނިންމޭ ނިންމުންތަކުން އޭގެ މޯހިރުގައި ދެން އަތުވެދާނެ ކަންކަމަށް ފިކުރު ހިންގުމުގެ ‘މޮޅު ބުއްދީގެ’ ގާބިލުކަން ނެތިއްޖެނަމަ އޭގެ ނަތީޖާ ހިތިވާނެއެވެ. އަހަރެން ދެކޭގޮތުގައި އަދު ދިވެހިރާއްޖެއިން މިފެންނަނީ މިފަދަ ވޭންދެނިވި ރޯ ފާރުގަނޑެކެވެ.
މިހުރިހާ ވާހަކައެއް މިދެއްކީކީ އެއްގޮތަކަށްވެސް މާޔޫސްކުރާކަށް ނޫނެވެ. ކަމުގެ ހަގީގަތް ބަޔާންކުރާށެވެ. ހަގީގީ މައްސަލަ ނޭނގި ފަރުވާއެއް ނުދެވޭނެތީ މައްސަލައިގެ ބަނޑުފަޅައި ރަނގަޅަށް ހާމަކޮށްލީއެވެ. މައްސަލައިގެ ފުޅާމިނާއި ފުންކަމުން މިހާރު އެނގެން އޮތް ހަގީގަތަކީ މިއީކީ އެއްދުވަހަކުން ދެދުވަހަކުން، އެއް ދައުރަކުން ދެ ދައުރަކުން، ނުވަތަ އެއް ހަޔާތަކުން ހައްލުވާން އޮތް ކަމެއް ނޫންކަމެވެ. އެއީ މިދެކެވެނީ ގުޅިފައިވާ ނިޒާމެއްގެ އެކި އެކި ދިމާތަކުގެ ވާހަކައެވެ. އުނގަންނައި ދިނުމުގެ ވަސީލަތްތަކާއި، އުނގަންނައި ދިނުމުގެ އުކުޅުތަކާއި، އުނގަންނައި ދޭން ތިބި ފަރާތްތަކުގެ ތަރައްގީން ފެށިގެން، އުނގަންނައި ދިނުމުގެ ވިސްނުމަކީ އަލުން ބަލުން ވިސްނާ އާރާސްތު ކުރަން ޖެހިފައިވާ ކަންކަމެވެ. ފުރަތަމަ އެކަން ގަބޫލުކުރަމާ ހިނގާށެވެ. އަހަރެމެން ދިވެހިންނަށް މިކަން ގަބޫލުކުރެވިއްޖެނަމަ ފަރުވާއެއް ފެށުމަށް ފަސޭހަވާނެއެވެ. އަމިއްލަ ނަފްސައް ތެދުވެރިވަމާތޯއެވެ. މިހިސާބުން ދެން މިވާހަކަ ކުރުކޮށްލީއެވެ.
ފަރުވާ ފެށިދާނެ ހިސާބެއް: ޒަމާނީ ވަސީލަތްތަކާއެކު ހާ ށަވިޔަނިން އަލުން ފެށުން
[ މިތަނަށް ލާންވީ އޯލަ އަކުރު ކޮޑި އަދި ފްލޭޝްކާޑް ތަކުގެ ފޮޓޯ ]
ފަށަންވީ ގޭތެރެއިންނެވެ. ބައިނަލްއަޤުވާމީ ކިޔުމުގެ ހުނަރު ވަޒަންކުރާ ދިރާސާއެއް ކަމަށްވާ (PIRLS 2016) އިން ދައްކާގޮތުގައި، ކުޑައިރު ފޮތް ކިޔުމާއި ލަފުޒު ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކަށް ހުށަހަޅައިދެވޭ ކުދިންގެ ތަޢުލީމީ ފެންވަރާއި ދިރިއުޅުމުގެ ކާމިޔާބީ، އެ ފުރުޞަތު ނުލިބޭ ކުދިންނަށްވުރެ މާ ބޮޑަށްވެސް އިތުރެވެ. މިގޮތުން ޙަޔާތުގެ ކާމިޔާބީއަށްޓަކައި ޅަފަތުގައި ކުއްޖާގެ މާހައުލުގައި ހުންނަންޖެހޭ މުހިންމު ސިފަތައް ތިރީގައި ފާހަގަކޮށްލާނަމެވެ:
- ގޭތެރޭގެ ތަޖުރިބާ: މަދަރުސީ ދައުރު ފެށުމުގެ ކުރިން، އަކުރާއި ފިލީގެ އަޑުތައް ފަރިތަކުރުމާއި، މާހައުލުން ފެންނަ ތަކެތީގެ ނަން ކިޔުން ފަދަ ހަރަކާތްތަކަށް ގޭތެރެއިން ހުށަހަޅައިދިނުން.
- ރަނގަޅު ނަމޫނާ: ގޭގައި ކިޔުމުގެ ރަނގަޅު މިސާލު ދައްކާނޭ ބަޔަކު ތިބުން. ކޮންމެ ދުވަހަކުވެސް ބެލެނިވެރިންނާއެކު ކޮންމެވެސް ވަގުތުކޮޅެއް ކިޔުމުގައި ހޭދަކުރުން.
- އަސާސީ ހުނަރު: ވަރުގަދަ އަސާސީ ހުނަރުތަކަކާއެކު ސްކޫލް ފެށުން. މީގެ ތެރޭގައި އުމުރާ ގުޅޭ ކިޔުމުގެ ހުނަރާއި ޖިސްމާނީ ހަރަކާތްތައް، އަދި STEAM ހިމެނެއެވެ.
- ޕްރީސްކޫލް: ޕްރީސްކޫލަށް ދިއުމަކީ ކުއްޖާ ނަފްސާނީ ގޮތުން ތައްޔާރުކޮށްދީ، ސިކުނޑީގެ ތަރައްގީއަށް މަގުފަހިކޮށްދޭ މުހިންމު ހަރުފަތެކެވެ.
- މަދަރުސާގެ ފެންވަރު: ނާގިދު ފިކުރު (Critical Thinking) ތަރައްގީކޮށްދޭނޭ ވަސީލަތްތަކާއި، ތަޖުރިބާކާރު މުދައްރިސުން ތިބި މަދަރުސާއަކަށް ދަރިވަރު ފޮނުވުން.
- ރައްކާތެރިކަން: މަދަރުސާއަކީ ރައްކާތެރި މާހައުލެއްކަމުގެ އިހުސާސް ކުއްޖާއަށް ވުން.
- އުފެއްދުންތެރިކަން: ކުދިންގެ އަމިއްލަ ހިޔާލުތަކަށް ސިފަގެނެސްދޭނޭ އުފެއްދުންތެރި ހަރަކާތްތަކަށް ފުރުސަތު ދިނުން.
- ރަނގަޅު ސިއްހަތު: ފައިދާހުރި ކާނާއާއި، ހެލިފެލިވެ އުޅުމުގެ ތަޖުރިބާތަކާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުން.
ގަތާލެވިފައިވާ އުނގެނުމުގެ ތަޖުރިބާތައް
މިގޮތަށް ޅަފަތުގެ ކިއުމާއި އަމިއްލަ ފިކުރު ހިންގުމުގެ ތަޖުރިބާތަކަށާއި މާހައުލުތަކަށް ހުށަހަޅައިދޭއިރު ފަރުވާތެރިވާންވީ އަހަރެމެން ހައްލުކުރަން މިއުޅެނީ މަޢުލޫމާތާއި ޢިލްމު ދެނެގަތުމާއި ފޯރުކޮށްދިނުމާއި މާނަކުރުމާއި ދޭހައިގެ މައްސަލަތަކެއްކަމެވެ. މިދޭހައިގެ މައްސަލަތައް ހައްލު ކުރެވެން އޮތީ، މިފަދަ ތަޖުރިބާތަކަށް ދަރިން ހުށަހަޅައިދޭއިރު، ދިވެހިންގެ ދިވެހިވަންތަ އަގުކުރުންތަކާއި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ސަގާފީ އިލްމާއި، އަދުގެ ޒަމާނީ ސައިންސާއި ޑިޖިޓަލް ޓެކްނޮލޮޖީ އަކީ އެކަތި އަނެކައްޗާ ވާދަކުރަންޖެހޭ ނުވަތަ އެކަތި އަނެކެއްޗާ ވަކިކޮށްލައިގެން ހުށަހަޅައިދޭންޖެހޭ އުނގެނުމުގެ ތަޖުރިބާތަކެއް ނޫން ކަމަށް ބެލެނިވެރިންނާއި މުދައްރިސުންނާއި އުނގެނުމުގެ މުއައްސަސާތަކުގެ ހަވާލުދާރީންނަށް ގަބޫލުކުރެވިގެންނެވެ.
ނިއުޒީލޭންޑުގެ މައޮރީ ދަރިކޮޅުގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރ އެންގަސް މެކްފަރލޭން ތައާރަފުކުރައްވާފައިވާ، “ގަތާލެވިފައިވާ ކޯރު” ނުވަތަ “He Awa Whiria” އޮނިގަނޑަކީ، މިބުނެވުނުގޮތަށް، އަމިއްލަ ވަޒަންވެހި އިލްމުކަމަށް ވާ ދިވެހިބަސް، ތާރީޚް، އަދި އިސްލާމީ އަގުތަކާއި އަދި ހުޅަނގުގެ ކިޔަވައިދިނުމުގެ އުސޫލުތަކާއި ޒަމާނީ ސްޓީމް (STEAM)، ޑިޖިޓަލް ވަސީލަތްތަކަކީ އެއްހަމަޔަކުން ބަލައިގެން މި ދެބައި އެކުލާ ގަތާލައިގެން އުނގެނުމުގެ ތަޖުރިބާތައް ހުށަހަޅައިދޭ އޮނިގަނޑެކެވެ.
ތާރީޚީ ގޮތުން ބަލާއިރު، ރަސްމީ ތައުލީމީ ނިޒާމުތަކުން ދެކެނީ ހުޅަނގުގެ ސައިންސާއި އިނގިރޭސިބަހަކީ “މައި ކޯރު” ކަމަށެވެ. އަދި އަމިއްލަ ސަގާފީ އިލްމަކީ އޭގެ ތެރެއަށް އައިސް ގުޅޭ ކުޑަ ކޯރެއް ކަމަށެވެ. ނަމަވެސް “ހީ އަވަ ވިރިއާ” އޮނިގަނޑު މިކަން ގަބޫލެއް ނުކުރެއެވެ. މި އޮނިގަނޑުގައި މި ދެ އިލްމަކީވެސް އެއްވަރެއްގެ ސައްހަ، އެއްވަރެއްގެ ސައިންޓިފިކް، އަދި ކުއްޖާގެ ތަރައްގީއަށް އެއްވަރަކަށް ބޭނުންތެރި ދެ ބައެވެ.
ގަތާލެވިފައިވާ ކޯރެއްގެ މިސާލަކީ އޮއިވަރުތައް ދެމެމުންދާއިރު، ބައެއް ފަހަރު އެއްކޯރު އަނެއްކޯރާ މަސްހުނިވެ ވަކިވެ ދާ އުސޫލުން، އުނގެނުމުގެ މާހައުލުގައި ވެސް، ޒަމާނީ ވަސީލަތްތަކާއި ސަގާފީ އިލްމު ގުޅިގެން އުނގެނުމުގެ ތަޖުރިބާ ފުރިހަމަ ކުރާ އުސޫލެވެ. ޒަމާނީ ހުޅަނގުގެ އުނގަންނައިދިނުމުގެ ނަޒަރިއްޔާތުތަކުގެ އެހީގައި ދިވެހި ވަންތަ ތައުލީމީ ތަޖުރިބާތަކަކަށް ހުށަހަޅައިދިނުމެވެ. ދިވެހި ބަހުގެ އަޑުތައް ދަސްކޮށްދިނުމަށް އެޕުތައް ބޭނުން ކުރުމާއި، ހިސާބު ފިޒިކްސް ފަދަ މާއްދާތައް އުނގަންނައިދިނުމުގައި STEAM ގެ ވަސީލަތްތަކަށް ދަރިވަރުން ހުށަހަޅައިދިނުމެވެ. ޔަގީންވާ ކަމަކީ މި ދެ އޮއިވަރު ބައްދަލުވާ ހިސާބުން ލިބޭ ތައުލީމީ ތަޖުރިބާ، ވަކިވަކި އޮއިވަރުތަކުން ލިބޭ ތަޖުރިބާއަށްވުރެ މާ ބޮޑަށްވެސް ފުރިހަމަވެފައި ވަރުގަދަވާނެކަމެވެ.
މީގަ ހަނދުމަ ބަހައްޓަންވީ އެންމެ މުހިންމު ކަމަކީ، ކޯރުގެ އޮއިވަރުތައް ކިތަންމެ ވަރަކަށް އެކި ދިމާދިމާއަށް ދެމި ނަމަވެސް، އެ ހުރިހާ އޮއިވަރެއްގެ މިސްރާބު ހުރީ އެއް ދިމާލަކަށެވެ. އެއީ ކަނޑެވެ. ތައުލީމުގައި، ކުއްޖާ އުނގެނެނީ ޒަމާނީ ސައިންސްގެ އަލީގައި ކަމަށްވީ ނަމަވެސް ނުވަތަ މާދަރީބަހުގެ ތެރެއިން ކަމަށްވީ ނަމަވެސް، އެންމެ ފަހުގެ މަންޒިލަކީ އެއްކަމެކެވެ. އެއީ ފިކުރީ ގޮތުން ހަރުދަނާ، އަދި އަމިއްލަ ސަގާފީ އަސްލުގެ މަތީގައި ސާބިތުވެހުރި ފުރިހަމަ އިންސާނަކަށް ދަރިވަރުން ހެދުމެވެ.
އިހްސާންތެރި، އިލްމުވެރި، ހުނަރުވެރި ޖީލަކަށް
ކޮންމެއަކަސް މިހާރު މިއޮތީ މި ލިޔުން ފެށުނު ހިސާބަށް އަނބުރާ އާދެވިފައެވެ. ދިވެހި ބަހަށް އަދުގެ ދަރިން އަހުލުވެރި ކުރުމުގެ މުހިންމުކަން ޔަގީން ވެއްޖެ ނޫންތޯ އެވެ. ދަރިންނަކީ މާތް ﷲ އަހަރެމެންގެ މައްޗަށް ލެއްވި އަމާނާތަކަށްވީހިނދު، އެދަރިންގެ ކާކުވަންތަކަމުގެ ފިތުރީ ބިންގާ އަޅައިދިނުމަކީ އަހަރެމެންގެ ޒިންމާއެކެވެ. އެ ޒިންމާއަކީ އަހަރެމެންނަށް ރެކިނުގަނެވޭނޭ، އެދުވަހަކުން ސުވާލުކުރެވޭނޭ ޒިންމާއެކެވެ. އެދަރީންނަކީ އިހްސާންތެރި، އިލްމުވެރި ބަޔަކަށް ހެދުމަކީ، މި ބިމުގައި ޚަލީފާއިންގެ ގޮތުގައި ލެއްވުނު އިންސާނުންނަށް ފަރުދީ އަދި ކިފާޔަތުގެ ވެސް ފަރުލެއްމެއެވެ.
ކީރިތި ގުރުއާންގައި ﷲ ވަހީ ކުރައްވާފައި ވަނީ:
وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًۭا
“ރަޙްމާންވަންތަ ރަސްކަލާނގެ (ޙަޤީޤީ) އަޅުންނަކީ، ބިންމަތީގައި މަޑުމައިތިރިކަމާއެކު ހިނގާބިނގާވެ އުޅޭ މީހުންނެވެ. އަދި ޖާހިލު މީހުން (ނުވަތަ ބަދުބަސް ބުނާ މީހުން) އެމީހުންނާ މުޚާޠަބުކޮށް ވާހަކަދައްކައިފި ހިނދެއްގައި، އެމީހުންނަށް ރައްދުދެނީ ސަލާމަތްތެރިކަމާއި އަމާންކަމުގެ ބަސްތަކުންނެވެ.” (ސޫރަތުލް ފުރުޤާން: 63)
މިފަދަ އަޅުންތަކަކަށް، ދުނިޔޭގައި ދިމާވާ އުނދަގޫތަކާއި ގޮންޖެހުންތަކާއި ހިކުމަތްތެރި ކަމާއެކު ކުރިމަތިލެވޭ ފަރުދުންތަކަކަށް، އަހަރެމެންނަށް ވެވޭނީ، އަހަރެމެންނަކީ އިލްމީ ހުނަރުވެރި އިހްސާންތެރި ބަޔަކަށް ވެވިގެންނެވެ. މުޖުތަމައުގެ ތެރޭގައި ތިމާގެ ދައުރާއި، އަދި ތިމާގެ އަހްލާގީ ސިފަތަކާއި، ދީނީ އަގީދާ، ނިސްބަތްވާ ގައުމަށް އޮތް ލޯބި، އަދި ސަގާފީ ހޭލުންތެރިކަން ބިނާވެގެންވަނީ މި ފިތުރީ ބިންގާގެ އަގުތަކުގެ މައްޗަކަން ދެނެގަނެވިގެންނެވެ. ދިވެހިންނަކީ މިފަދަ ވަރަށް ވަރުގަދަ އަގީދާ އަކާ އަގުތަކެއް އިރެއްގައި އޮތް ބަޔެކެވެ. މި އަގުތައް އަނބުރާ ގެނެސް މިގައުމުގެ އިޖްތިމާއީ ފޭރާން މަލްމަލް ރޮދިތަކަކުން އަލުން ގަތާލަން އެބަޖެހެއެވެ. ދިވެހި ދަރިންނަށް ‘ދިވެހި‘ އުނގަންނައި ދޭން ޖެހެނީ މިސަބަބުތަކަށް ޓަކައެވެ.


