
ޅަފަތުގައި ކުދިންގެ ކިޔުމުގެ ހުނަރު ތަރައްގީކުރުމަކީ ކުދިންގެ ހަޔާތުގެ ކާމިޔާބީ އާއި ގުޅިފައިވާ ވަރަށްމުހިންމު ހުނަރެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުއްޖާގެ ބަހުގެ ކުރިއެރުން ސީދާ ގޮތެއްގައި ގުޅިފައިވަނީ އެކުއްޖެއްގެ ބަސްކޮށާރުގެ މުއްސަނދިކަމާއެވެ. މި މުއްސަނދިކަން އިތުރުކުރުމަށްޓަކައި ވީހާވެސް ގިނަ ލަފުޒުތަކަށް ކުދިން ހުށަހަޅަންޖެހެއެވެ.
މިގޮތުން ،‘ކިޔުމުގެ ސައިންސް‘ (Science of Reading) ބުނެދެނީ ކުދިންގެ ކިޔުމުގެ ހުނަރު ތަރައްގީ ކުރުމަށް، އެންމެ ފުރަތަމަ ތަރައްގީ ކޮށްދޭންވީ ލަފުޒެއްގެ އަޑުތައް (phoneme) އަދި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް (grapheme) ދެނެގަތުމުގެ ހުނަރުތަކެވެ. އަދި ކަންފަތައް އިވޭ މި އަޑުތަކާއި ލިޔެފައި އޮންނަ އަކުރުތަކާއި ވާ ގުޅުން ދެނެގަތުމުގެ ގާބިލުކަން އުނގަންނައި ދޭ އޮނިގަނޑަށް މިކިޔަނީ ‘ފޯނިކްސް‘ (phonics) އެވެ.
މިސާލު:
ކުއްޖަކަށް /ސ/ އަޑު އިވުމުން އެއަޑު ރަމްޒު ކޮށްދޭ އަކުރު ނުވަތަ ނިޝާނަކީ ‘ސ‘ ކަން އެނގުމެވެ.
ނުވަތަ /ސަ/ މި އަޑު އިވުމުން އެއީ /ސ/ އަޑާއި / ◌ަ / އަޑު އެއްވެގެން ނިކުންނަ އަޑެއްކަން ދެނެގަންނަން އެނގުމާއި އެ އަޑު ރަމްޒު ކޮށްދިނުމަށް ‘ސަ‘ ލިޔަން ކިޔަން އެނގުމެވެ.
މިގޮތަށް ކިޔަން ދަސްކޮށްދޭން ފެށުމުން ޒަމާނުއްސުރެ އަޅުގަނޑުމެން ބަސް އުނގަންނައިދެމުން އައި އަކުރުތައް ދަސްކޮށްދީގެން ލިޔަން ކިޔަން ދަސްކޮށްދިނުން ނިމުމަކަށް އައީ އެވެ. މާނައަކީ ކުރިން އަަހަރެމެން ‘ހ‘ އިން ‘ހޯނު‘ ކަމަށް ބުނެދިން ނަމަވެސް، އަދުގެ ސައިންސު ބުނެދެނީ ‘ހ‘ މި އަކުރުގެ އަޑު /ހ/ އިއްވުމަށްފަހު، /ހޯނު/ މި ލަފްޒު ކުއްޖާއަށް އިއްވައިދިނުމަށެވެ. މީގެ ސަބަބުން ކުއްޖާއަށް ލަފުޒުތައް ބިނާވެފައިވާ ގޮތް ފަސޭހައިން ދެނެގަނެވޭނެއެވެ.
އޯލަ ގެ މި ‘ދިވެހިބަހުގެ އަޑުތަކުގެ އޮނިގަނޑު‘ ނުވަތަ ‘ދިވެހި ފޯނިކްސް‘ އަކީ މި ބުނެދެވުނު ނަޒަރިއްޔާތައް އޮލަނބުކުރެވިގެން ތައްޔާރު ކުރެވިފައިވާ ދިވެހިބަހުން ކިޔުން އުނގަންނައި ދިނުމަށް ތައްޔާރު ކުރެވިފައިވާ އޮނިގަނޑެކެވެ. އޮނިގަނޑު ތައްޔާރު ކުރުމަުގައި ބަލައިފައިވާނޭ މައިގަނޑު ކަންތައްތައް:
- – އަޑުގެ ގުނަވަންތަކާއި ޖަގަހަތަކަށް ރިއާއަތް ކުރެވެން ޖެހޭނެކަން
- – އަޑު އިވުމުގެ ހިއްސާއި ފެނުމުގެ ހިއްސު އެކުލެވިގެން ވާ ކަމެއްކަން
- – އުނގަންނައި ދިނުމުގައި ކުއްޖާގެ ސިކުނޑީގެ ތަރައްގީގެ ހަރުފަތްތަކަށް އޮލަނބު ވާން ޖެހޭ ކަމެއްކަން
- – މި އޮނިގަނޑަކީ އުނގެނުމުގެ ވަސީލަތްތައް އުފެއްދުމުގައި ފަސޭހައިން އަހުލުވެރިވެވޭނޭ އޮނިގަނޑަކަށް ވާން ޖެހޭނެކަން.
މި އޮނިގަނޑުގެ ތަފުސީލުތަކަށް ދިއުމުގެ ކުރިން، ޑރ. ހަސަން ހަމީދަށް އޯލަގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް އަދާކުރަމެވެ. މި އޮނިގަނޑު އެކުލަވާލުމުގައި މައިގަނޑު މަސްދަރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޑރ. ހަސަން ހަމީދުގެ ބްލޮގްގައި ދިވެހިބަހުގެ އަޑުތަކާ ބެހޭގޮތުން ލިޔުއްވާފައިވާ މުހިންމު ލިޔުންތަކެވެ.
އަޑުގެ ގުނަވަންތަކާއި ޖަގަހަތަކަށް ރިއާއަތް ކުރުން

އިންސާނުން ވާހަކަ ދެއްކުމުގައި ނެރޭ ގިނަ އަޑުތައް ނެރެނީ އަނގައިތެރޭގައި ނުވަތަ ކަރުގެ ތެރޭގައި ރާރާ އަޅުވާ ނޭވާ ބޭރަށް ލައިގެންނެވެ. މިގޮތަށް ނެރޭ އަޑުތައް ތަފާތުކުރުމުގައި އަނގައިގެ ތެރޭގެ އެކި ހިސާބުތަކުން އެކި ގުނަވަންތަކުން އަޑު އުފައްދައެވެ. މިގޮތަށް ނެރެވޭ އަޑުތައް ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ، ފިއްތި (consonants) އަޑުތަކާއި ދޫ (vowels) އަޑުތަކެވެ.
ފިއްތި އަޑުތަކަކީ، އަޑުފޮށި (glotis) ތެރެއިން އަޑު ނުކުންނައިރު، އަނގައިގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފިތިގެން ނިކުންނަ އަޑުތަކެވެ. ލީން ނުވަތަ ދޫ އަޑުތަކަކީ ފުއްޕާމެއިން ވައި ނުކުންނައިރު ލަގޮނޑީގައިވާ ރާރާ ތުރުތުރުއެޅުމާ އެކު ހިފެހެއްޓުމެއް، އަޅައިގަތުމެއް ނެތި އަޑުގެ ގުނަވަންތަކުން އިއްވާ އަޑުތަކެވެ. ދިވެހި ބަހުގައި މިގޮތުން 29 ފިއްތި އަޑާއި 10 ދޫ އަޑު ހިމެނިގެންވެއެވެ.
ފިއްތި އަޑުތައް
ފިއްތި އަޑުތަކަކީ، އަޑުފޮށި (glotis) ތެރެއިން އަޑު ނުކުންނައިރު، އަނގައިގެ އެކި ހިސާބުތަކުގައި އެކި ގޮތްގޮތަށް ފިތިގެން ނިކުންނަ އަޑުތަކެވެ. މިއަޑުތައް އުފެއްދުން ބިނާވެގެންވަނީ މައިގަނޑު ތިން ސިފައެއްގެ މައްޗަށެވެ. އެއީ،
- އަޑު ނެރޭ ތަން ނުވަތަ ޖަގަހަތައް
- އަޑު ފިތޭ ގޮތްތައް
- އަޑު ނުކުންނަ އިރު އަޑުފޮށީގައިވާ ރާރާގެ ތުރުތުރު
އަޑު ނެރޭތަން ނުވަތަ ޖަގަހަތައް:

އަޑު ނެރޭ ތަން ކަމަށް ބުނެވެނީ އަޑު އުފައްދާ ތަނަށެވެ.
މިސާލު:
/ފ/ އަޑު އުފައްދާއިރު، މަތީ ދަތްފިލާގައި ތިރީ ތުންފަތް ކިރިޔާ ޖައްސައިގެން އަޑު ނެރެވެއެވެ. ފޮނެޓިކްސްގައި މިފަދަ އަޑުތަކަށް “ލޭބިއޯޑެންޓަލް” (labiodental) ނުވަތަ ތުންފަތްދަތުގެ އަޑުތައް ކިޔައެވެ. މިގޮތުން ދިވެހިބަހުގައި އަޑު ނެރޭ ތަންތަން ތިރީގައި ފާހަގަކޮށްލާނަމެވެ.
ދެތުންފަތް: ބ، ޕ، މ
އަޑުގެ މަޚްރަޖައަކީ ދެ ތުންފަތެވެ. ތުންފަތް ބޭނުންކޮށްގެން ކިޔާ އަޑުތަކުގައި ހިމެނެނީ /ބ/ ، /ޕ/ ، /މ/ އެވެ.
/ބ/ – ބަސް، ބިސް، ބިޗޫ ، ބަތް
/ޕ/ – ޕާން ، ޕަރީ، ޕާކު، ޕާޓީ ، ޕާރުސަލު
/މ/ – މަސް، މަޑި، މަގޫ، މާ
ތުންފަތާއި ދަތް: ވ، ފ
މި އަޑުތަކުގެ ޖަގަހައަކީ ތިރީ ތުންފަތާއި މަތީ ދަތްޕިލަ އާ ދޭތެރޭ ވައި ފިއްތާލެވޭ ލެވުމެކެވެ. މިއަޑުތަކުގެ ތެރޭގައި ހިމެނެނީ /ވ/ އަދި /ފ/އެވެ.
/ވ/ – ވަދު ، ވިނަ، ވިލާ، ވާ
/ފ/ – ފައި، ފަޅޯ، ފުނާ، ފިޔާ
ދަތް: ދ، ތ، ލ
މި އަޑުތަކުގެ ޖަގަހައަކީ މަތީ ދަތްޕިލައިގެ ދަތްތަކުގައި ދޫ ޖައްސާ ފިއްތާ ފިއްތުމެވެ. މި އަޑުތަކުގެ ތެރޭގައި ހިމެނެނީ /ދ/، /ތ/ އަދި /ލ/ އެވެ.
/ދ/ – ދިދަ ، ދާ، ދަތް، ދޫނި
/ތ/ – ތަޅު، ތަށި، ތެލި، ތޮފި
/ލ/ – ލާރި، ލޯ، ލިބާސް، ލުނބޯ
ހިރުގަނޑު: ނ، ރ، ޒ، ސ
މި އަޑުތަކުގެ ޖަގަހަ އަކީ ހިރުގަނޑުގެ މައްޗެވެ. އެލްވިއޮލާ އެވެ. އެލްވިއޮލާ ފޯނީމްތަކުގައި ހިމެނެނީ /ނ/، /ރ/، /ޒ/ އަދި /ސ/ އެވެ.
/ނ/ – ނައު، ނަނު، ނަގިލި، ނޯޓު
/ރ/ – ރަށް ، ރުއް، ރޮށި، ރެހި
/ޒ/ – ޒަރާފާ ، ޒިލޭބީ، ޒަހަރު، ޒައިތޫނި
/ސ/ – ސިޓީ ، ސިންގާ، ސިކުނޑި، ސައިފަތް
އިދިފުށައްތަލީގައި: ޑ، ޓ، ޅ
މި އަޑުތައް ނެރޭ އިރު ދުލުގެ ކުރި ފަހަތަށް ލަންބާ އިދިފުއް ތަލީގައި ޖައްސަން ޖެހޭނެއެވެ. ދިވެހިބަހުގެ ރެޓްރޯފްލެކްސް ފިއްތި އަޑުތަކަކީ /ޑ/، /ޓ/ އަދި /ޅ/ އެވެ.
/ޑ/ – ޑަބިޔާ، ޑޮންޑޮން، ޑައިރީ، ޑައިނަމައިޓު
/ޓ/ – ޓުކުރި، ޓައި، ޓަކި، ޓައިރު، ޓޮނިކު
/ޅ/ – ޅާނބު، ޅޮސްމިޔަރު، ޅޮސްފަނި
ހަރުތަލި: ޖ، ޗ، ޏ، ށ، ޔ
ހަރުތަލީގެ އަޑުތަކަށް ކިޔަނީ ”ޕެލެޓަލް“ އަޑުތަކެވެ. ޕެލެޓަކީ ތައްޔެވެ. ދިވެހިބަހުގައި ހަރުތަލީގެ ފަސް އަޑެއް ހިމެނެއެވެ. އެއީ /ޖ/، /ޗ/، /ޏ/، /ށ/ އަދި /ޔ/ އެވެ.
/ޖ/ – ޖަގު، ޖޯޑު، ޖޭމު، ޖަމަލު
/ޗ/ – ޗާޓު، ޗޭނު، ޗީޒު، ޗިޗަންޑާ
/ޏ/ – ޏަމުޏަމު
/ށ/ – ށ
/ޔ/ – ޔާގޫތު، ޔޯޔޯ،
މަޑުތަލި: ގ ކ
މަޑުތަލި (soft pallets or velum) މިތަނުން ނެރޭ އަޑުތަކަށް ކިޔާނީ ”ވީލާ“ އަޑު ތަކެވެ. ދިވެހިބަހުގައި ވީލާ ދެ އަޑު ހިމެނެއެވެ. /ކ/ އަދި /ގ/ އެވެ. މި ދެއަޑު ނެރޭއިރު ދުލުގެ މެދު ޖެހޭނީ މަތީ ތަލީގައެވެ.
/ގ/ – ގަޑި، ގެ ، ގެރި، ގުއި، ގޮޅާ
/ކ/ – ކިލާފަނި، ކަރާ، ކޯރި، ކޮވެލި
އަޑު/ލަގޮނޑި: ހ
އަޑު ފޮށި ނުވަތަ ގްލޮޓިސް އިން ނެރޭ އަޑުތަކުގެ ތެރެއިން ދިވެހީން ލަފުޒު ކިޔާއިރު ނެރޭ ހަމައެކަނި އަޑަކީ /ހ/ ގެ އަޑެވެ. ގްލޮޓިސްއިން ނެރޭ އަޑަށް ގްލޮޓަލް އަޑޭ ކިޔައެވެ.
/ހ/ – ހޯނު، ހިނި، ހާ، ހިކަނދި
އަޑު ފިތޭ ގޮތް
އަޑު ފިތޭ ގޮތް މާނަކުރެވެނީ އަނގައިން ވަކި އަޑެއް އިއްވާއިރު، ފުއްޕާމެއިން ނިކުންނަ ވައި ހިފެހެއްޓޭ ގޮތް ނުވަތަ ވައި ފިއްތާ ގުނަވަންތަކުން ވައި ފިތޭ މިންވަރާއި ގޮތަށެވެ. މިގޮތުން ފޮނެޓިކްސް ގެ ބޭނުމަށް އަޑުފިތޭގޮތް، އަށް ބަޔަކަށް ބެހިގެންވެއެވެ.
ވައި ނުކުތުން ބަންދުކޮށްލުން (Plosive )
މިއީ އަޑު ނެރޭ ނޮޅިއަށް ވައިފޮނުވުމަށްފަހު، ވަކި ގޮތަކަށް ހުއްޓުވައި ކުއްލި އަކަށް ދޫކޮށްލައިގެން ނެރޭ އަޑުތަކެވެ. މިސާލަކަށް /ޕ/ އަޑު ނެރުމުގެ ވައިފޮނުވާލުމަށްފަހު ދެތުންފަތުން ކުޑަ ހިނދުކޮޅަކަށް ވައި ހިފެހެއްޓުމަށްފަހު ކުއްލި އަކަށް ދޫކޮށްލައެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/ބ/ – ބަސް ، ބިސް، ބިޗޫ ، ބަތް
/ޕ/ – ޕާން ، ޕަރީ، ޕާކު، ޕާޓީ ، ޕާރުސަލު
/ދ/ – ދިދަ ، ދާ، ދަތް، ދޫނި
/ތ/ – ތަޅު، ތަށި، ތެލި، ތޮފި
/ޑ/ – ޑަބިޔާ، ޑޮންޑޮން، ޑައިރީ، ޑައިނަމައިޓު
/ޓ/ – ޓުކުރި، ޓައި، ޓަކި، ޓައިރު، ޓޮނިކު
/ޖ/ – ޖަގު، ޖޯޑު، ޖޭމު، ޖަމަލު
/ޗ/ – ޗާޓު، ޗޭނު، ޗީޒު، ޗިޗަންޑާ
/ގ/ – ގަޑި، ގެ ، ގެރި، ގުއި، ގޮޅާ
/ކ/ – ކިލާފަނި، ކަރާ، ކޯރި، ކޮވެލި
ނޯށުން ވައި ބޭރުކުރުން (Nasal)
ނޯށުން ވައި ބޭރުކުރުމަކީ މަޑުތަލި ތިރިކޮށް ދެތުންފަތުން އަނގަ ބަންދުކޮށް އަޑުނެރުމެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/މ/ – މަސް، މަޑި، މަގޫ، މާ
/ނ/ – ނައު، ނަނު، ނަގިލި
/ޏ/ – ޏަމުޏަމު
ދުލުން ނުވަތަ ކުޑަދުލުން ރާރާ އެޅުން (Trill)
ދުލުން ނުވަތަ ކުޑަދުލުން ރާރާ އެޅުން ކިޔެނީ އަވަސް އަވަހަށް ދުލަށް ލެއްވޭ ތުރުތުރަކަށެވެ. ނުވަތަ ވިހުރުމަކަށެވެ.
/ރ/ – ރަށް ، ރުއް، ރޮށި، ރެހި
/ރ/ ގެ އަޑު ނެރޭ އިރު، ދުލުގެ ކުރި ގެންގޮސް މަތީ ހިރުގަނޑުގެ އެތެރޭގައި ޖެއްސުމަށްފަހު ވައި ބޭރު ކުރާއިރު، ފިއްތުމަކާއެކު ދުލަށް ތުރުތުރެއް ގެނައުމުން /ރ/ މި އަޑު ނިކުމެއެވެ.
ޓަކިޖެހުން (Tap)
ޓަކި އަޑަކީ، ދޫ، އެއްފަހަރު ތަނަކު ޖައްސާ ނެރޭ އަޑެކެވެ. ޓެޕްގެ ޙަޤީޤީ މާނައަކީ ފުއްޓަކި ނުވަތަ ޓަކި ޖެހުން ފަދަ ގޮތަކަށް ޖެހުމެވެ.ދިވެހި ބަހުގައި ޓެޕްއެއް އަދި ފްލެޕެއް ނުހިމެނެއެވެ.
ހަނި ޖާގައަކުން އަޑު ނެރުން (Fricative)
މިއީ އަޑުގައި ކުޑަ ހިފެހެއްޓުމަކާއި އެކު ނެރެވޭ އަޑުތަކެވެ. ދިވެހިބަހުގައި މިގޮތައް އަޑުނެރޭ ފިއްތި އަޑުތަކަކީ:
/ޒ/ – ޒަރާފާ، ޒިލޭބީ، ޒަހަރު، ޒައިތޫނި
/ސ/ – ސިޓީ، ސިންގާ، ސިކުނޑި، ސައިފަތް
/ވ/ – ވަދު، ވިނަ، ވިލާ، ވާ
/ފ/ – ފައި، ފަޅޯ، ފުނާ، ފިޔާ
/ށ/ – ށ
/ހ/ – ހޯނު، ހިނި، ހާ، ހިކަނދި
ދުލުގެ ދެއަރިމަތިން ވައި ބޭރުކުރުން (Lateral Fricatives)
ފިއްތި ފޯނީމްތަކުގައި ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރާ އަޑެއް ހިމެނެއެވެ. ދޫ ގާތްކުރަނީ ހިރުގަނޑުގެ މައްޗާއެވެ. ދިވެހިބަހުގައި މިގޮތަށް ނެރެވޭ އަޑެއް ނުހިމެނެއެވެ.
ބޮޑު ޖާގައަކުން އަޑު ނެރުން (Approximant)
މިއީ އަނގައިތެރޭގައު މެދުމިނަކަށް ހިފެހެއްޓުމަށްފަހު ބޭރުކުރެވޭ އަޑުތަކެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ އަޑަކީ /ޔ/ އެވެ.
/ޔ/ – ޔާގޫތު، ޔޯޔޯ
ދުލުގެ ދެ އަރިމަތިން ވައި ބޭރުކުރުން (Lateral Approximant)
މިގޮތައް އަޑުނެރުމަކީ ދުލުގެ ދެ އަރިމަތީގައި ބޮޑު ޖާގައެއް އުފައްދައި ވައި (ނޭވާ) ބޭރުކުރަމުން އަޑުނެރުމެވެ. ދިވެހިބަހުގައި މި ގޮތަށް ކިޔާ ދެ އަޑަކީ /ލ/ އަދި /ޅ/ އެވެ.
/ލ/ – ލާރި،ލާލު، ލޯ، ލިބާސް، ލުނބޯ
/ޅ/ – ޅާނބު، ޅޮސްމިޔަރު، ޅޮސްފަނި,
އަޑު ނުކުންނަ އިރު އަޑުފޮށީ ގައިވާ ރާރާ
ބައެއް ފިއްތި އަޑު ނުކުންނަ އިރު، ގްލޮޓިސް ގެ ތެރެއިން ވައި ނުކުންނަނީ ރާރާ ނުވަތަ ވޯކަލް ފޯލްޑްސް އެއްވެސް ގޮތަކަށް ތުރުތުރު ނާޅާއެވެ. އަނެއްބައި އަޑު ނުކުންނައިރު، ރާރާ ތުރުތުރު އަޅައެވެ.
މިސާލު:
ވެން – /ވ/ އަކީ ރާރާ އަޑެކެވެ.
ފެން – / ފ / އަކީ ރާރާ އަޑެއް ނޫނެވެ.
ދިވެހިބަހުގައި ވޮއިސްޑް އަޑުތަކުގެ ތެރޭގައި ހިމެނެނީ/ބ/، /ވ/، /ދ/، /ގ/ އަދި /ޒ/ އެވެ
ދޫ އަޑުތައް: ވަވަލް، ވީއްލިފައިވާ އަޑު، ދޫ އަޑު

ލީން ނުވަތަ ދޫ ފޯނީމްތަކަކީ ފުއްޕާމެއިން ވައި ނުކުންނައިރު ލަގޮނޑީގައިވާ ރާރާ ތުރުތުރުއެޅުމާ އެކު ހިފެހެއްޓުމެއް، އަޅައިގަތުމެއް ނެތި އަޑުގެ ގުނަވަންތަކުން އިއްވާ އަޑެވެ. މި ފޯނީމްތަކަށް ވަވްލް ފޯނީމް އަޑުތަކޭވެސް ކިޔައެވެ. ދިވެހި ބަހުގައި ލީން ފޯނީމްތައް ދެބަޔަށް ބައިކުރެވެއެވެ. އެއީ އެއް އަޑު ހިމެނޭ ލީން އަޑާއި ދެ އަޑު ހިމެނޭ ލީން ނުވަތަ ދޫ އަޑެވެ.
ދިވެހިބަހުގައި ހިމެނެނީ ލީން 10 ފޯނީމެވެ. އެ ފޯނީމުތަކަކީ އަ–އާ–އި–އީ–އު–އޫ–އެ–އޭ–އޮ–އޯ އެވެ. އަދި ތިރީގައިވާ ޗާޓުން ލީން އަޑުތައް ނެރޭ ޖަގަހަތައް ބަަލައި ލާށެވެ.
- ކުރު ފިލި: (އަ) /a/، (އި) /i/، (އު) /u/، (އެ) /e/، (އޮ) /ɔ o/
- ދެމޭ ފިލި: (އާ) /əː/، (އީ) /iː/، (އޫ) /uː/، (އޭ) /eː/، (އޯ) /ɔː oː/
ދިވެހި ބަހުގައި ޢާއްމުކޮށް ދެލީނުގެ އަޑުގޮތުގައި ފާހަގަ ކުރަނީ އައިބައި ފިއްޔާއި އައުބައު ފިއްޔެވެ. ނަމަވެސް އިތުރު އެހެން ދެފިލީގެ ނުވަތަ ދެލީނުގެ ފޯނީމްތައް ދިވެހިބަހުގައި ހިމެނެއެވެ. ޖުމްލަކޮށް ދިވެހި ބަހުގައި ސަތާރަ ދެލީނުގެ ފޮނީމު ހިމެނެއެވެ.
ހާއްސަ ސިފަތައް:
ސުކުން ފިލި
ސުކުން ފިލި <◌ް> އިން ދައްކުވައިދެނީ އަކުރަކަށް (consonant) ފަހު މަތިފިޔެއް (vowel) ނެތްކަމެވެ.
އް ސް ން ތް ށް
ހުސްނޫނު
ހުސްނޫނު ‘ނ‘.ފިއްޔެއް ނެތް ހާއްސަ ހާލަތެއް. ނ (“ނޫނު“) ގައި ފިއްޔެއް ނެތި އޮވެއްޖެނަމަ، އެއިން ދޭހަވަނީ ޖެހިގެން އަންނަ އަޑުގެ ކުރިއަށް ނޭފަތްޕިލަ އަޑު އަންނަ ކަމެވެ.
މިސާލު:
ކަނޑު /kandu/ މާނައަކީ “ކަނޑު“
‘އ’ ގެ ހާއްސަ ސިފަ
މީގައި ތެރޭގައި (އ) /∅/، (“އަލިފު“) އަކީ ވަކި ހާއްސަ ކަމެއް ދެވިފައިވާ، އަމިއްލަ އަޑެއް ނެތް (null consonant)، އަކުރެކެވެ. އަދި މި އަކުރަކީ ވަކިން އޮންނަ ފިލިތަކަށް ބާރުދިނުމަށް ބޭނުންކުރެވޭ އަކުރެކެވެ.
އަޑު އިވުމުގެ ހިއްސާއި ފެނުމުގެ ހިއްސު އެކުލަވާލުން
ބަހުގެ އަޑުތައް ދެނެގަތުމާއި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް ދެނެގަތުމަކީ އަޑުއެހުމާއި ފެނުމުގެ ހިއްސު އޭގައި އެކުލެވިގެންވާކަމެކެވެ. މިހެން ކަމުން މި ހުނަރު އުނގަންނައި ދިނުމަށް ތައްޔާރު ކުރެވޭ އޮނިގަނޑަކީވެސް މިދެ ހިއްސައް ވެސް ރިޔާއަތް ކުރެވިގެންވާ އޮނިގަނޑަކަށް ވާންޖެހެވެ.
ބަހުގެ އަޑުތަކާއި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް ފާހަގަކުރުން
އަނގައިގެ ތެރޭގައި އަޑުތައް އުފައްދާ ޖަގަހަތަކަކީ ވަރަށް ކައިރި ކައިރީގައިވާ ތަންތަނެވެ. އަދި އަޑުތައް ތަފާތުވަނީ ވައި ބޭރުކުރުމުގައާއި ލެއްވޭ ތުރުތުރަކަށް ގެނެވޭ ވަރަށް ކުދި ކުދި ބަދަލު ތަކަކުން ކަމުން، އުނގަންނައި ދިނުމުގައި އަޑުތައް ސާފުކޮށް ނެރުމާއި އަޑު އުފައްދާ ތަންތަން ފާހަގަ ވެފައި ހުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން އޯލަގެ ދިވެހިބަހުގެ އަޑުތަކުގެ އޮނިގަނޑުގައި، އަޑުގެ ޖަގަހަތަކަށް ވާނީ، އެކި ކުލަ ދެވި އަދި އެ ޖަގަހަތަކުން ނެރެވޭ އަޑުތައް ރަމްޒު ކޮށްދޭ އަކުރުތަކަށް ވެސް ވާނީ އެކުލަތައް ދީފައެވެ.
ލިޔާއިރު ލަފުޒުތަކުން ފިއްތި އަޑުތަކާއި ދޫ އަޑުތައް ފާހަގަކުރުން
ފިއްތި އަޑުތައް
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ
ދޫ އަޑުތައް
◌ޯ ◌ޮ ◌ޭ ◌ެ ◌ޫ ◌ު ◌ީ ◌ި ◌ާ ◌ަ
ލަފުޒުތައް ލިޔަން ދަސް ކުރާއިރު، ނުވަތަ ލިޔެފައި އޮންނަ ވަކި ވަކި ލަފުޒު ދަސް ކުރުމަށް ހުށައަޅާއިރު ލަފުޒުގައި އެކުލެވިގެންވާ އަޑުތައް ވަކިވަކިން ފާހަގަ ކުރެވޭނަމަ ކުދިންނަށް ލަފުޒެއް އުފެދިފައިވާ އަޑުތައް ފާހަގަކުރަން ފަސޭހަވާނެއެވެ. އެހެން ކަމުން މިގޮތަށް ބޭނުންކުރާއިރު، ފިއްތި އަޑުތަކަށް ވަކި ކުލައެއް އަދި ދޫއަޑުތަކަށް ވަކި ކުލަ ދީގެން ލިޔެވިދާނެއެވެ.
މިގޮތަށް ކުލަދިނުމަކީ، އުނގަންނައިދިނުމުގައި ގިނަ އަދަދުތައް ދެނެގަތުމަށް އެހީވެދޭ ބައިބައިކުރުންކަމަށްވާ ‘chunking‘ ގެ އުކުޅަށް ބިނާކޮށްފައިވާ ގޮތެކެވެ.
ކުއްޖާގެ ސިކުނޑީގެ ތަރައްގީގެ ހަރުފަތްތަކަށް އޮލަނބުކުރެވިފައިވާ ތަޖުރިބާތައް
އުނގަންނައިދިނުމުގެ ތަޖުރިބާތަކަކީ ކުއްޖާގެ ސިކުނޑީގެ ތަރައްގީގެ ހަރުފަތްތަކަށް އޮލަނބުވާ ތަޖުރިބާތަކަކަށް ވާންޖެހެއެވެ. ޝްރައިބާގް (1993) ގެ “Profile of Phonology Development” ގެ ނަޒަރިއްޔާތު ބަަޔާންކުރާގޮތުން، ކުޑަކުދިން ވާހަކަދެއްކުމުގެ އަޑުތައް އުފައްދަން ދަސްކުރަނީ ތަރުތީބުން އަންނަ ތިން މަރުހަލާއަކަށް ބެހިގެންނެވެ. އެއީ އެންމެ ޅަފަތުގައި ދަސްވާ އަޑުތައް، މެދު، އަދި ފަހުން ދަސްވާ އަޑުތަކެވެ. މިއީ ކުޑަކުދިން ބަހުގެ އަޑުތައް އުފައްދަން ދަސްކުރާ ތަރުތީބު ދެނެގަތުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް އޮނިގަނޑެވެ.
1. ކުރިން ދަސްވާ އަޑުތައް (3-4 އަހަރާ ދެމެދު )
މި އަޑުތައް އެންމެ ފުރަތަމަ ދަސްވަނީ މިއީ ތުންފަތް ޖައްސާލައިގެން ނުވަތަ ނޭފަތުން ވައި ބޭރުކޮށްގެން، ދޫ މާ ބޮޑަށް ހަރަކާތް ނުކޮށް ނެރެވޭ އަޑުތަކަކަށް ވާތީއެވެ.
2. މެދުން ދަސްވާ އަޑުތައް (4-5 އަހަރާ ދެމެދު)
މި އަޑުތައް ނެރުމަށް ދުލުގެ ފަހަތް މަތީ ތަލީގައި ޖެއްސުން ފަދަ، ތަންކޮޅެއް ބޮޑު ކޯޑިނޭޝަނެއް ބޭނުންވެއެވެ.
3. ފަހުން ދަސްވާ އަޑުތައް (5-8 އަހަރާ ދެމެދު)
މިއީ އެންމެ “އުނދަގޫ” އަޑުތަކެވެ. މީގައި ދޫ ފަހަތަށް އޮޅާލުން ނުވަތަ ދޫ ތަޅުވައިލުން ފަދަ މަތީ ފަންތީގެ ހުނަރު ބޭނުންވެއެވެ.
- އ (އަލިފު): ދިވެހި ބަހުގައި މިއީ އަމިއްލަ އަޑެއް ނެތް (null consonant) އަކުރެކެވެ. މިއީ ފިލިތައް ކިޔުމަށް ބޭނުންކުރާ އަކުރަކަށް ވާތީ، ޝްރައިބާގްގެ އޮނިގަނޑުގެ ތެރެއަކަށް ނުވަދެއެވެ.
- ޏ (ޏަވިޔަނި): މިއީ ދުލުގެ މެދު ތަލީގައި ޖައްސައިގެން ނެރޭ ނޭފަތުގެ އަޑެކެވެ. މިއީ އިނގިރޭސި ބަހުގައި ނެތް އަޑަކަށް ވިޔަސް، މީގެ އުނދަގޫމިނަށް ބަލާއިރު މިއީ މެދު އަދި ފަހުން ދަސްވާ އަޑުތަކުގެ ދޭތެރޭގައި ހިމެނޭނެ އަޑެކެވެ.
އުނގެނުމުގެ ވަސީލަތްތައް އުފެއް ދުމުގައި ފަސޭހައިން އަހުލުވެރިވެވޭނޭ އޮނިގަނޑެއް
ޅަފަތުގައި ކިޔަންފަށާ ކުދިންނަށް ފުރިހަމަ އަދި ކާމިޔާބު ދަތުރެއް ކަށަވަރުކޮށްދިނުމަށްޓަކައި، ސިކުނޑީގެ ތަރައްގީއާއި ސްކީމާތަކާ (Schemas) އޮލަނބުވުން ވަރަށް މުހިންމެވެ. އެއީ އުނގެނުމަކީ ދިރިއުޅުމުގެ ތެރެއިން ހިނގާ ތަބީއީ ކަމަކަށް ވީތީވެ، ތަކުރާރުވާ އުޅުމާއި ވިސްނުމުގެ ނަމޫނާތަކުން ‘ސްކީމާތައް‘ ބިނާކޮށްދެއެވެ. މިހެންކަމުން ކުދިންނަށް ހުށައަޅައިދެވޭ އަކުރުތަކާއި އަޑުތަކުގެ ޗާޓުތައް އެއްގޮތަކަށް ހުންނަނަމަ އަހުލުވެރިވުން އަވަސް ވާނެއެވެ. މިގޮތަށް ތަކުރާރުކުރުމުގައި ސިކުނޑިއަށް ބުރަބޮޑުވުން (Cognitive Load) ކުޑަކުރުމަށްޓަކައި ކުލަ ބޭނުންކޮށްގެން ނިޒާމީ އެއްގޮތްކަމެއް ގެނައުމާއި ވަސީލަތްތައް ސިންދަފާތުކުރުން ހިމެނެއެވެ.
މި އޮނިގަނޑު ބޭނުން ކޮށްގެން ފަރުމާކުރެވިދާނެ ބައެއް އުނގަންނައި ދިނުމުގެ ވަސީލަތްތައް
1. އޯލައިން ތައްޔާރުކުރާ ދިވެހިބަހުގެ އަޑުތަކުގެ ޗާޓު

2. އަކުރު އުނގަންނައިދިނުމަށް ބޭނުން ކުރާނެ ފުލޭޝް ކާޑު

3. ޝްރައިބާގް (1993) ގެ “Profile of Phonology Development” ގެ ހަރުފަތްތަކަށް އޮލަނބުކުރެވިފަިއވާ ވާހަކަތައް

4. އަކުރު ކޮޑިބައި

5. އަކުރާއި ލަފުޒާ ރޮނގު ދަމައިގެން ގުޅުވުން

ނިންމާލުމުގެ ކުރިން
ބަހެއް ދަސްކުރުމާއި ބަހުން ވާހަކަ ދެއްކުމުގައި އެ ބަހެއްގެ އަޑުތައް ދެނެގަތުމަކީ އެންމެ އަސާސީ އެއް ކަމެވެ. ބަހެއްގެ އަޑުތައް ދެނެގަތުމަށްޓަކައި، އަޑު އުފެއްދުމަށް އިންސާނާ ބޭނުންކުރާ ގުނަވަންތައް ޙަރަކާތް ކުރާ ގޮތް އެނގުމަކީ ބަހެއްގެ އަޑުތައް ދެނެގަތުމަށާއި، އެއަޑުތައް ފުރިހަމައަށް އުފެއްދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ހާއްސަކޮށް ތުއްތު ކުދިންގެ ތައުލީމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި މުހިންމުކަން އެނގުމަކީ، އެކުދިންނަށް ބަސް އުނގަންނައިދިނުމުގައި ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ. ކުދިންނަށް އަޑުތައް އުފައްދަން ދަސްކޮށްދިނުމުގައި، އަޑު އުފެއްދުމަށް ބޭނުންކުރާ ގުނަވަންތައް ބޭނުންކުރާ ގޮތް ދަސްކޮށްދިނުމުން، އެކުދިންނަށް ފަސޭހައިން ބަސް ނަގައިގަތުމަށް މަގުފަހިވާނެއެވެ.
މިފަދަ ކަންކަމަށް ރިއާޔަތްކޮށް، “އޯލަ ދިވެހިބަހުގެ އަޑުތަކުގެ އޮނިގަނޑު 1.0” ގެ މައިގަނޑު މަގުސަދަކީ، ވީހާވެސް ތިލަ ގޮތަކަށް، ފަސޭހައިން ނަގައިގަނެވޭނެ ގޮތަކަށް ބަހުގެ އަޑުތަކަށް ހޭލުންތެރިކުރުމުގެ އޮނިގަނޑެއް ގާއިމުކުރުމެވެ. ދިވެހިބަހުގެ އަޑުތައް ދަސްކުރުމާއި، އެއަޑުތައް ރަނގަޅަށް އުފެއްދުމަށް ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ފޯރުކޮށްދިނުމެވެ. މިއީ ކެނޑިނޭޅި ތަރައްގީ ކުރެވެމުންދާނޭ މަސައްކަތެކެވެ. އަލަށް ހޯދޭ ހޯދުންތަކަށާއި، ބަހަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މި އޮނިގަނޑު ދާނީ ކެނޑިނޭޅި އަދާހަމަކުރެވެމުންނެވެ.
އޯލަ ގެ އުންމީދަކީ މިފަދަ އޮނިގަނޑެއްގެ ސަބަބުން ދިވެހި ދަރިވަރުންގެ ކިޔުމުގެ ހުނަރު ހަލުވި ދުވެއްޔެއްގައި ތަރައްގީ ވެ ދިވެހި ބަސް އުނގަންނައިދިނުމާއި ދަސްކުރުމުގެ މަސައްކަތްތަކަށް އިންގިލާބީ ބަދަލުތަކެއް އައުމެވެ.
ނޯޓް: މި ގޮތަށް ކުލަ ދީގެން ބައިކުރުން އިތުރަށް ފުރިހަމަ ކުރުމަށާއި ހާއްސަކޮށް ކުލަވަކިކުރުމުގެ ދަތިކަން (Color Vision Deficiency) ހުންނަކުދިންނަށް ހާއްސަކޮށްގެން ތައްޔާރު ކުރެވިދާނެއެވެ.


