ބެލެނިވެރިއެއް ނުވަތަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހެއް ނަމަ، ސްޓީމްގެ އަސާސީ ޚިޔާލުތައް ދަސްކުރުމަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ވެސް އަގުހުރި ކަމެއް ކަމަށް އެތައް ފަހަރަކު އަޑުއަހާފައި ވާނެ އެވެ. އެކަމަކު ސްޓީމްގެ މުހިންމުކަމަށް ބާރުއަޅަނީ ކީއްވެގެން ހެއްޔެވެ؟ ސްޓީމް އަކީ ހަގީގަތުގައި ވެސް މުހިންމު އެއްޗެއް ހެއްޔެވެ؟
މިއީ ސާދާ ޖަވާބެއް ދެވޭނޭ ބޮޑު ސުވާލެއް: އާދެ، ސްޓީމް އަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންނަމަވެސް ފުރަތަމަ އެނގެން ޖެހޭނީ ސްޓީމް އަކީ ކޮން އެއްޗެއްކަމެވެ.
‘ސްޓީމް’ ނުވަތަ ‘އެސް.ޓީ.އީ.އޭ.އެމް’ މި ލަފުޒަކީ ސައިންސު، ޓެކްނޮލޮޖީ، އިންޖިނޭރުކަން، އާޓު އަދި ‘މެތްސް’ ނުވަތަ ހިސާބުގެ ފުރަތަމަ އަކުރުތަކުން އުފައްދާފައިވާ ލަފުޒެކެވެ. މީގެ އެންމެ ދެތިން ޖީލެއް ކުރިން ސްކޫލްގެ ގިނަ މަންހަޖުތަކުގައި މި މާއްދާތަކަށް ސަމާލުކަން ކުޑައެވެ. ނަމަވެސް މިއަދު ސްޓީމް ކޮންސެޕްޓްއަކީ ހުރިހާ ދަރިވަރުންނަށް ވެސް އެނގެން ޖެހޭ މައުޟޫއުތަކެއްގެ ގޮތުގައި ދެނެގަނެވިފައިވާ އެއްޗެކެވެ.
މި ދުނިޔެ ސްޓީމްގެ މައުޟޫތަކަށް ބަރޯސާވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިޒަމާނުގައި ދިމާވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މިއަދުގެ ދަރިވަރުންނަށް ބޭނުންވަނީ މި ދާއިރާތަކުން ޢިލްމާއި ފަންނުވެރިކަމެވެ. މިސާލަކަށް، ދުނިޔެ ސާފުތާހިރުކޮށް ރައްކާތެރި ކުރުމަށް އެހީތެރިވެދޭ ތިމާވެށީގެ ސައިންސްވެރިންނާއި، ހަލުވިކަމާއެކު ގިނަވަމުން އަންނަ އާބާދީއަކަށް ކާނާ ފޯރުކޮށްދިނުމަށް އެހީތެރިވުމަށް ދަނޑުވެރިކަމުގެ ޚާއްޞަ މާހިރުންނާއި، އަދި ދިރިއުޅުމާއި ވިޔަފާރި ފަސޭހަކޮށްދޭ މެޝިންތައް އީޖާދުކުރުމަށް ރޮބޮޓިކްސް އިންޖިނިއަރުން ބޭނުންވެއެވެ.
ސްޓީމް އަށް ވިސްނުމަކީ ޓެކްނޮލޮޖީގެ މާހައުލެއްގައި ކުދިން ކުރިއަރައި ދިއުމަށް އެހީތެރިވެދޭ ކަމެެއް
ޓެކްނިކަލް އަދި ޑިޖިޓަލް ޒަމާން ކުރިއަރާފައިވާއިރު، ކުދިންނަށް ސްޓީމްގެ އަސާސީ އަގުވަޒަންކުރުމާއި ޢިލްމު ލިބިފައިވުން މުހިންމެވެ. ކުރިއަށް އޮތް ގިނަ ވަޒީފާތަކަކީ ސްޓީމް މާއްދާތަކާ ގުޅުން ހުރި ވަޒީފާތަކެކެވެ. ނަތީޖާއެއްގެ ގޮތުން ކޮލެޖުގައި ނުވަތަ ވޮކޭޝަނަލް ސްކޫލެއްގައި ސްޓީމްގެ މައިގަނޑު މާއްދާތައް ކިޔަވާ ކުދިންނަށް ވަޒީފާތަކަށް ފަސޭހައިން ހޭނި، މި ޓެކްނޮލޮޖީގެ ދުނިޔެ ކުރިއަށް ގެންދިއުމަށް އެހީތެރިވެދެވިދާނެ އެވެ.
ސްޓީމް އަށް ބިނާކޮށް ތަޢުލީމު ލިބިގަތުމުން “ކްރިޓިކަލް ތިންކިންގ” ނުވަތަ އަމިއްލައަށް ވިސްނުމަށް ހިތްވަރު ލިބޭ
ކިޔަވައިދޭ މައުޟޫތަކާއި ފިލާވަޅުތަކާ މެދު އަމިއްލައަށް ވިސްނާ ފިކުރު ކުރުމުގެ ގާބިލުކަން އަށަގަތުމުން، ކުދިންނަށް ހިސާބާއި ސައިންސް ފަދަ އެކި މާއްދާތަކުގެ މެދުގައިވާ ގުޅުން ދެނެގަތުމަށް އެހީތެރިވެދެއެވެ. އަމިއްލައަށް ކަންކަމާމެދު ވިސްނުން ހިންގާ ފިކުރު ކުރުމުގެ އިތުރުން ޚިޔާލުތައް ބޭނުންކޮށް، އިސްނަގައިގެން މަސައްކަތް ކުރުމުގެ ބާރު ވެސް ލިބިގެންދެއެވެ. މި ހުރިހާ ކަމަކީވެސް ދިރިއުޅުމުގެ އެހެން ދާއިރާތަކުން ބަރޯސާވެވޭނެ ސިފަތަކެކެވެ.
ސްޓީމް އިން އެކި ފަންތިތަކާއި ތަޖުރިބާތަކުގެ މީހުން އެއްތަނަކަށް ގެނެސްދޭ
ތަފާތު ފަންތިތަކާއި ތަޖުރިބާތައް ލިބިފައިވާ ކުދިން އެއްތަނަކަށް ގެނައުމަށް ސްޓީމް އިން މަގުފަހިކޮށްދެއެވެ. އަދި ޓިޗަރުންގެ އެހީއާއެކު އެކި ފަންތިތަކުން ތަޖުރިބާތައް ލިބިގަތުމަށް ދޮރު ހުޅުވާލައެވެ.
ސްޓީމް އިން ކުދިންގެ އުފެއްދުންތެރިކަމުގެ ހިޔާލު ތަނަވަސްކޮށްދޭ
އާންމުކޮށް ކުންފުނިތައް ފަށަނީ ފައުންޑަރެއްގެ (ނުވަތަ ފައުންޑަރުންގެ) އަސާސީ ތަޞައްވުރުންނެވެ. ފޭސްބުކް އަދި ގޫގުލް ފަދަ ދުނިޔޭގެ ބައެއް ‘ޑިޖިޓަލް ޖަޔަންޓް’ ކުންފުނިތަކުގެ ފަހަތުގައި އުފެއްދުންތެރި ފައުންޑިންގް ޓީމެއް ހިމެނެއެވެ. މި މުޖުތަމަޢުގައި އަމިއްލަ އުފެއްދުންތެރި މަސައްކަތްތަށް ފަށައިގަންނާނޭ އިތުރު ޖީލުތައް އުފެއްދުމަށްޓަކައި، ސްކޫލްތަކާއި، ބެލެނިވެރިންނާއި، ޖަމިއްޔާތަކުން ސްޓީމް ތަޢުލީމަށް އިސްކަންދީ، ކުޑަކުދިންނަށް ސްޓީމްގެ މައުލޫތަކަށް ޅަ އުމުރުން ފެށިގެން ހޭނުމުގެ މަސައްކަތް ކުރުން މުހިއްމެވެ. ތުއްެތުއިރުންސުރެން ލިބޭ އަސާސީ ތައުލީމުގެ ފެންވަރުގައި ސްޓީމްގައި ބައިވެރިވުމަކީ މި ކުދިންނަށް އުފެއްދުންތެރި ވިސްނުމުގެ ދޮރު ހުޅުވިދާނެ ކަމެކެވެ.
ސްޓީމް އިން ތައުލީމު އުނގެނުމަކީ މަޖާ ކަމަކަށް ހަދައިދޭ
ބައެއް ކުދިންނަށް ހީވަނީ ސްކޫލަކީ ވަރަށް ފޫހި ތަނެއް ކަމަށެވެ.ހިތްގައިމު ތަޖުރިބާތަކާއި ސިކުނޑި ހުޅުވާލާ ވާހަކަތައް އެކުލެވޭ ސްޓީމްގެ ތައުލީމުން ކުދިވެެެެރިންނަށް ދައްކުވައިދެނީ ތައުލީމަކީ ހަމައެކަނި ގްރޭޑްތަކާއި އިމްތިހާނުތަކާއި ހޯމްވޯކްތަކުން ފުރިފައިވާ ކަމެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އެއީ ކަންކަން ބަލާ، ހޯދާ، “އަހާ!” އޭ ހިތަށް އަރާފަދަ ބައިވަރު ތަޖުރިބާތަކުން ފުރިގެންވާ ކަމެއްކަމެވެ. މިއީ ސްޓީމް ކިޔަވައިދިނުމުގެ އުސޫލުތަކަށް ގިނަ ކުދިން ލޯބި އުފެދޭނޭ މުހިންމު ސަބަބެކެވެ.
ސްޓީމް އިން އިގްތިސާދީ ހަމަޖެހުން އިތުރުކުރުމަށް މަގުފަހިކޮށްދޭ
މާލީ ގޮތުން ރައްކާތެރިކަން ނެތުމަކީ ހާއްސަކޮށް 21 ވަނަ ގަރުނުގައި ދިމާވެފައިވާ ހަގީގީ މައްސަލައެކެވެ. ނަމަވެސް “ޖެނެރޭޝަން ޒީ” ނުވަތަ އޭގެ ފަހުން އަންނަ ޖީލުތަކަށް މިކަން މިހެން ދެމިހުންނާކަށް ނުޖެހެއެވެ. ކޮލެޖުގައި ސްޓީމްގެ މާއްދާތައް ހިޔާރުކުރާ ޒުވާނުންނަށް އެހެން މާއްދާތައް ކިޔަވާ އެކުވެރިންނަށް ވުރެ މާ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަތީޖާއެއްގެ ގޮތުން ސްޓީމް ތައުލީމަށް އަވަހަށް ތައާރަފުވުމަކީ އަންނަންއޮތް ޖީލުތަކުގައި އިގްތިސާދީ ތަފާތުތަކުގެ ފަރަގު ކުޑަވެދާނެ ކަމެކެވެ.
ސްޓީމް އިން ކުޑަކުދިންނަށް މާއްދާތަކުގެ މެދުގައި ގުޅުންތައް ގާއިމް ކުރުމަށް އެހީތެރިވެދޭ
ގިނަ ބަޔަކަށް ސްޓީމް އަކީ ވަކި ފަސް މާއްދާއެކެވެ. ނަމަވެސް ސްޓީމް އުނގެނުމުގެ ހަގީގީ ބާރަކީ އެ ހުރިހާ މާއްދާއެއް އެއްކޮށްލައިގެން “މަލްޓި ޑިސިޕްލިނަރީ އެޕްރޯޗް” އަކަށް ހެދުމެވެ. އެކި ދާއިރާތަކުގެ ގުޅުންތައް ކުޑަކުދިންނަށް ފެންނަން ފަށައެވެ. މިސާލަކަށް ސްޓީމް ދަރިވަރުންނަށް ހިސާބުން އިންޖިނިއަރިންއަށް އެހީވާގޮތުގެ އިތުރުން ޓެކްނޮލޮޖީއާއި ސައިންސް އަތުގުޅާލައިގެން ކުރިއަށް ގެންދެވޭނެ ގޮތްތައް ފާހަގަވާން ފަށައެވެ.
ސްޓީމް ފީލްޑް ހިޔާރުކުރުމުން މަތީ ތައުލީމު އުނގެނުމަށް ލުއިފަސޭހަ ގޮތްތައް ފެނިދޭ
މަތީ ތައުލީމުގެ ހަރަދަކީ ފުރާވަރުގެ ކުދިންނާއި އެމީހުންގެ މައިންބަފައިންނަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ގިނަ ކޮލެޖުތަކުން ސްޓީމް ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ދީލަތި ސްކޮލަޝިޕްތަކާއި ރިސާޗް ގްރާންޓް އޮޕްޝަންތައް ފޯރުކޮށްދެ އެވެ. އެހެންކަމުން އަސާސީ ތައުލީމު ފެންވަރުގައި، ސްކޫލުގައި އުޅޭއިރު ސްޓީމް މާއްދާތައް ދަސްކުރުން ކުދިން ފެށުމަކީ ފަހުން ކޮލެޖަށް ކުރާ ހަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.