މިއަދުގެ ޑިޖިޓަލް ދުނިޔޭގައި ގިނަ ފަހަރަށް ކުޑަކުދިންނަށް ތިބެވެނީ ސްކްރީންތަކަށް ގެއްލިފައި، އަދި ގޭގެ ދޮރުން ބޭރުގައިވާ ގުދުރަތީ ދުނިޔޭގެ އަޖައިބުތައް ތަޖުބުރިބާ ނުކުރެވިއެވެ. އޯލަ ޓީމުން ގަބޫލުކުރާގޮތުގައި މި އެޕްގެ ބޭރުން، ކުދިންގެ ކިބައިގައި އުނގެނުމުގެ ލޯބި އަށަގަތުން ވަރަށް މުހިއްމެވެ. ‘އޯލަ’ ގެ އަސާސްގައި، މިނިވަންކަމާއެކު ކުދިން ކުޅުމާއި، ވަށައިގެންވާ ވެށީގެ ހޯދުންތައް ހޯދުމަށް ކުދިންނަށް ފުރުސަތު ލިބުމަކީ، ކުޑަކުދިންގެވެސް އަސްލު ގުދުރަތާ ގުޅުވައިލުމަށް ވަރަށް މުހިިއްމު ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ގުދުރަތީ ދިރުންތަކާއި ވަސީލަތްތަކަށް އެކްސްޕޯޝަރ ލިބި، މުއާމަލާތް ކުރާ ކުދިންނަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި:
- ހަށިގަނޑު އަދި ރޫފަ ވަރުގަދަވޭ: ބޭރުގައި ގިނަ ވަގުތުހޭދަކޮށް، ދުވެ ހިނގާ ހެލިފެލި އުޅުނީމާ، ކުދިންގެ ކަށިތަކާއި މަސްތައް ވަރުގަދަވެއެވެ. އަދި މާބޮޑަށް ލޮޑުވެ، ކަންނެތްވެ ފަލަވުން ފަދަ ނޭދެވޭ ކަންތައްތަކުން ދުރުކޮށްދެއެވެ.
- ނަފްސާނީ ދުޅަހެޔޮކަމަށް އެހީވޭ: ގިނައިން ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަ ކުރުމުން، ހިތްހަމަޖެހުން އިތުރުވުމުގެ އަސަރުތައް ކޮށް، ސްޓްރެސް ލެވެލް ދައްވެ، ރަނގަޅަށް ފޯކަސްކޮށް ވިސްނުން ކުރިއެރުވުމަށް މަގުފަހިވެއެވެ.
- ސިކުނޑި ތަނަވަސްވެ ތޫނުފިލިވޭ: ގުދުރަތީ މާހައުލުތަކުގައި ހޯދުންތައް ހޯދުމާއި ކުޅުމަކީ ކުދިންގެ ކިބައިގައި ކަންކަމަށް ހުންނަ ޝައުގުވެރިކަމާއި، އުފެއްދުންތެރިކަމާއި، މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން އިތުރުކޮށްދޭ ކަމެކެވެ.
- ތިމާވެށީގެ ހޭލުންތެރިކަން އިތުރުވުން: ތިމާވެށީގައި ގިނަ ވަގުތު ހޭދަ ކުރުމުން ކުދިންގެ ކިބައިގައި ގުދުރަތީ ކަންކަމާއި ތަންތަނަށް ޒިންމާދާރުވުމުގެ އިހުސާސް އުފެދި، ތިމާވެށީގެ ސަފީރަކަށް ނުވަތަ ހިމާޔަތްތެރި އަކަށް ވުމަށް ކުދިންނަށް ބާރުއަޅައެވެ.
މި ދިވެހި ރާއްޖެ އެކުލެވިފައިވާ މުއްސަނދި ޖަޒީރާ އިކޯސިސްޓަމްތަކާއި، ގިނަގުނަ ކަނޑުގެ ދިރުންތަކާއެކު، ކުޑަކުދިން ގުޅުން އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާވެށްޓަށް ލޯބި އާލާކޮށް، މި ޖަޒީރާގެ ނާޒުކު ބެލެންސް ރައްކާތެރި ކުރުމަށް އަންނަން އޮތް ޖީލުތައް ހޭލުންތެރި ކުރެވިދާނެއެވެ.
ކުދިންނަށް ގުދުރަތުގެ މާހައުލުތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދެވޭނީ ކިހިނެއް ހެއްޔެވެ؟
- ލުއިފަސޭހަ ގޮތްތައް ހޯދުން: ތިމާގެ ގޯތިތެރެ، ނުވަތަ ކައިރީގައި ހުންނަ ޕާކެއް، ނުވަތަ ގޮޑުދޮށް ސާފުކުރުމަށް ނުވަތަ ބަލާ ހޯދުމަށް ދުވަހެއް ކަނޑައަޅާ އެކަންކުރެވިދާނެއެވެ.
- ޝައުގުވެރިކަމަށް ބާރުއަޅާ ހިތްވަރުދިނުން: ކުދިން ކުރާ ސުވާލުތަކާއި ހޯދުންތަކަށް ހިތްވަރު ދޭށެވެ. ކުޑަކުދިން ޑިޓެކްޓިވް އަކަށް ވެގެން، ގަސްގަހާގެހި، ޖަނަވާރު، އަދި މޫސުމުގެ ކަންކަން ހޯދާ ބަލަން ފުރުސަތުދޭށެވެ.
- މަޖާ ކޮށްލާ: ގުދުރަތުގެ ނުވަތަ ތިމާވެއްޓާ ގުޅޭ ލަވަ ކިޔުން (‘އޯލަ’ އެޕް އިން ލިބެން ހުންނާނެ!)، ތިމާވެށިން އެއްކޮށްފައިވާ ތަކެތިން އާޓް އުފެއްދުން، ނުވަތަ ގޮފިތަކުން ކިއްލާއެއް ހެދުންވެސް މިއީ ކުރެވިދާނެ ކަންކަމެވެ.
- ނަމޫނާއަކަށްވެ، އަމަލުން މިސާލު ދެއްކުން: ތިމާވެށީގެ އަގުވަޒަންކުރާކަން އަމިއްލައަށް ދައްކާށެވެ. އާއިލާއާއެކު ހިނގާލަން ދިއުމާއި، އެކުގައި ގޭގައި ކުޑަ ބަގީޗާއެއް އިންދުން ނުވަތަ ގުދުރަތީ މަންޒަރުތަކާއި އަޑުތަކުގެ އުފާ ހޯދާށެވެ.
މިފަދަ ހަރަކާތްތައް ދަރިފުޅުގެ އާންމު ދިރިއުޅުމުގެ އާދަކާދައިގައި ޅައުމުރުން ފެށިގެން ހިމެނުމުން، ދަރީންގެ މުޅި އުމުރުދުވަހަށް އުނގެނުމަށް ދޭ ލޯތްބާއި، ގުދުރަތީ ދުނިޔެއާ ގުޅުން އުފެދިގެންދެއެވެ. ދިވެހި ބަސް ދަސްކުރުމަކީ ހަމައެކަނި ސްކްރީންތަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. ގުދުރަތުގެ އަޖައިބުތަކުން ކަންކަން ހޯދުމާއި، އަޅުގަނޑުމެންގެ ޖަޒީރާ ރަށްތަކަށް ލޯބި އުފެއްދުމަށް، ނިމުމެއް ނެތް ފުރުސަތުތަކެއް ލިބިގެންދެއެވެ.